ރައީސް ޑރ. މުހައްމަދު މުއިއްޒު

ބޭރުން ޑްރެޖަރު ގެނެސް، ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަނީ ފަށަނީ

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

އެކި ރަށްރަށުގައި އެއްފަހަރާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ރާއްޖެއިން ބޭރުން ޑްރެޖަރުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން ރޭ އިއުލާނު ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރަނގަޅަށް ޕްލޭން ކުރެވިގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިހާރު ވަނީ ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މެދުވެރިކޮށް މަސައްކަތް ހަވާލުކޮށްފައެވެ. މި މަހު ނިމުމުގެ ކުރިން 11،000 ޓަނުގެ ފުރަތަމަ ޑްރެޖަރު ގެނެސް، ތ. ވިލުފުށީގެ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ފެށޭނެއެވެ.

ދެވަނަ ޑްރެޖަރަކީ 45،000 ޓަނުގެ ޑްރެޖަރެކެވެ. މި ޑްރެޖަރު އަންނަ މަހުގެ ތިންވަނަ ހަފްތާގައި ރާއްޖެ އައުމަށްފަހު ރަސްމާދޫގެ މަސައްކަތް ފަށާނެއެވެ. އަދި ހަމަ މިވަރުގެ އިތުރު ޑްރެޖަރެއް ޑިސެމްބަރު މަހުގެ ދެވަނަ ހަފްތާގައި ރާއްޖެ އައުމަށްފަހު ހއ. ދިއްދޫގެ މަސައްކަތް ފަށާނެއެވެ.

ދިއްދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ގިނަވެގެން ދެތިން ހަފްތާގެ ތެރޭގައި ނިންމުމަށްފަހު، އެ ޑްރެޖަރު ށ. އަތޮޅުގެ ކޮމަންޑޫ، ބިލެތްފަހި އަދި މިލަންދޫގެ އެއާޕޯޓުތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި މަޝްރޫޢުތައް ކުރިއަށް ގެންދަނީ ޓެކްނިކަލް، އިދާރީ އަދި މާލީ ހުރިހާ ތައްޔާރީތަކެއް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. އަދި މަޝްރޫޢުތައް ފެށުމަށްފަހު ނުހުއްޓޭނެ ގޮތަށް ރޭވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.