ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނައުން - - ފޮޓޯ: އެމްޓީސީސީ

ވައުދުފުޅާއި އެއްގޮތަށް މަޝްރޫތަކަށް ބޭނުންވާ ބޮޑުހިލައެއްގެ ފުރަތަމަ ބަލްކް ޝިޕްމަންޓް ގެނެއްސި!

އާއިޝަތު އަނާ ރަޝީދު
 
9 މަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގެ އެކި ރަށްތަކުގައި ހިންގުމަށް ހަމަޖެހިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

ރައީސް މުޢިއްޒު ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި، އެމްޓީސީސީއިން ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 2025 އޮކްޓޯބަރު 10 ވަނަ ދުވަހު ރާއްޖެ ގެނެވުނެވެ. މި އަހަރު ނިމުމުގެ ކުރިން ޖުމްލަ 2.5 މިލިއަން ޓަނުގެ ބޮޑުހިލަ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދަނީ އަވަސް ސްޕީޑެއްގައި ކުރިއަށެވެ.

އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓްގައި 56,450 ޓަނުގެ ހިލަ ވަނީ ރާއްޖެއަށް ގެނެވިފައެވެ. މި ޝިޕްމަންޓުން އެންމެ ފުރަތަމަ ހިލަ ފޯރުކޮށްދެވުނީ ބ. މާޅޮހު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށެވެ. އަދި ބ. ރ. އަދި ޅ. އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކަށްވެސް މި ޝިޕްމަންޓުން ހިލަ ފޯރުކޮށްދެވޭނެކަމަށް ވަނީ ހާމަކޮށްފައެވެ.

1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީއިން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޢުމްރާނީ ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. ކުންފުނި އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ ވަރަށް މުހިންމު ދަނޑިވަޅެއްގައި ކަމަށާއި، އޭރުއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ޤާއިމްކުރުމުގައި އެމްޓީސީސީން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ