އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ފޯން ހިފަހައްޓައިފި

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)އަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، ފުލުހުންނަށް އިންޒާރު ދިން މައްސަލައެއްގައި އޭނާގެ ފޯނު ވަނީ ހިފަހައްޓާފައެވެ. 

މި އަމުރު ނެރުއްވީ ގާޒީ އިބްރާހިމް އިހްސާން ކަމަށްވާއިރު، މިއީ ފުލުހުންގެ ރޮބަރީ އެންޑް ތެފްޓް އިންވެސްޓިގޭޝަނުން ކުރިއަށްގެންދާ ތަހުގީގަކާ ގުޅުންހުރި މައްސަލައެކެވެ.

މައްސަލައިގެ ތަފްސީލުތަކަށް ބަލާއިރު، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 11:08 ހާއިރު 'ޒަޔާ ފާތިމަތު' ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ފުލުހުންނަށް އިންޒާރު ދިން ކަމަށް ބެލެވޭ މައްސަލައެއްގެ ހެކި ހޯދުމަށް މި އަމުރު ނެރެފައިވެއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް އޮތްނަމަވެސް، ކޮން ޕޯސްޓަކުންކަން އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.

ޒަހިއްޔާ މި މައްސަލައާ ގުޅޭގޮތުން ވިދާޅުވެފައިވަނީ، ދަރިފުޅާއެކު ހޮސްޕިޓަލަށް ދިޔުމުގެ ތެރޭގައި ހަވީރު 5:30 ހާއިރު މި އަމުރު ތަންފީޒުކުރިކަމަށެވެ. އަދި އާންމު ރައްޔިތުންނަށް އަނިޔާވެރިވުމަށް ގޮވާލާ ފަރާތްތައް މިނިވަންކަމާއެކު އުޅެމުންދާއިރު، އާދައިގެ ރައްޔިތުން ހިފަހައްޓަމުންދާކަން ފާހަގަކުރައްވައި، މިފަދަ ޢަމަލުތަކުން އެއްވެސް މިންވަރަކަށް ފަހަތަށް ނުޖެހޭނެކަމަށް ވިދާޅުވެފައިވެއެވެ.