އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

އެމްޑީޕީން ހުކުރު ދުވަހު ރޭ ކުރިއަށް ގެންދިޔަ އެއްވުމުގައި ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުކުރެވުނު 6 މީހަކު ކެއުން ބުއިން ހުއްޓާލައި ހަޅުތާލުގައި ބައިވެރިވެއްޖެއެވެ.

މާލޭ ކަސްޓޯޑިއަލްގެ ޖާގަ ނެތުމުގެ ސަބަބުން ދޫނިދޫއަށް ގެންދެވުނު މި 6 މީހުން ހަޅުތާލު ފެށުމުގެ ސަބަބެއްގެ ގޮތުގައި އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް ފާހަގަކުރެއްވީ، ގާނޫނާ ޚިލާފަށް އެ ފަރާތްތައް ބަންދުކޮށްފައިވުމާއި، ހަމަހަމަކަމާއެކު މުއާމަލާތް ނުކުރެވޭތީއެވެ. އަދި ތަހުގީގުތައް ލަސްކުރުމުގެ އިތުރުން، ބަންދުގައި ތިބި ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމުގައިވެސް ފުލުހުން ފަރުވާކުޑަކުރަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރެވުނު ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ ޔާސިރު އަބްދުއްލަތީފާއި ޔައުގޫބު އަބްދުﷲގެ އިތުރުން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު، އަލީ ޖުމާން، އަޒްމީ އަލީ އަދި ހަސަން ޝާކިރު ހިމެނެއެވެ. އެހެންނަމަވެސް، އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރާއި މުހައްމަދު ޚަލަފު އިބްރާހިމް ވަނީ ދޫކޮށްލެވިފައެވެ.


މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، މަޖީދީމަގުން ކުރިއަށް ދިއުމަށް މަސައްކަތްކުރުމުން، ފުލުހުން ވަނީ ރަޔަޓް ގިޔަރު ބޭނުންކޮށް، ޕެޕަރ ސްޕްރޭ އާއި ފުރަތަމަ ފަހަރަށް ސޮނިކް ވެޕަން ބޭނުންކޮށްގެން މުޒާހަރާ ރޫޅާލާފައެވެ. އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީމަގުން އިރަށް ދިއުމަށް ރޭވިފައިވާކަން ކުރިއާލާ އަންގާފައިވާނެ ކަމަށް އެމްޑީޕީން ބުނެފައިވީ ނަމަވެސް، ފުލުހުން ވަނީ އެކަމަށް ހުރަސްއަޅާފައެވެ.