ދައުލަތުގެ އެކި މުއައްސަސާތަކުން ދިވެހި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ އަންނަ 5 ހަފްތާގެ ތެރޭގައި އެއްކޮށް ދައްކާ ނިންމާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސް ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ސަރުކާރުން ވިޔަފާރިތަކާ ހަވާލުކޮށްގެން ކުރުވި މަސައްކަތްތަކަށް ނުދައްކާ އޮތް ގިނަ އަދަދެއްގެ ބިލުތައް ހުއްޓެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުށަހަޅާފައިވާ ބިލުތަކަށް ދައްކަންޖެހޭ ފައިސާ، ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަންނަ ފަސް ހަފްތާގެ ތެރޭގައި ދައްކާ ނިންމާނެ އެވެ. އެހެންނަމަވެސް މިވަގުތު ނުދައްކާ އޮތް ޖުމްލަ އަދަދު ރައީސް ހާމަކުރައްވާފައެއް ނުވެ އެވެ. މި މަސައްކަތަކީ އިގްތިސާދީ ގޮތުން ދަތި ހާލަތެއްގައި އޮތް ގައުމު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލިބޭ މުހިންމު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މި މައްސަލައާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރެއްވި ގޮތުގައި، ދިވެހި ކުންފުނިތަކަށް ފައިސާ ދޫކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރައީސް އިރުޝާދު ދެއްވާފައިވާ ކަމަށާއި، އެކަމަށް މަގުފަހިކުރެވިފައިވާ ކަމަށެވެ. އަދި މި ފައިސާގެ ތެރޭގައި އެމްޑީޕީގެ ވެރިކަން ނިމުނުއިރުވެސް ނުދެއްކި ހުރި ފައިސާވެސް ހިމެނޭކަން ޒަމީރު ފާހަގަކުރެއްވި އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރުގައި ސަރުކާރުން 6.6 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޫކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.