މިނިސްޓަރ ޝަހީމް - - ފޮޓޯ: މިނިސްޓްރީ

ޤުރުއާނުގެ ޢިލްމު ފެތުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: ޑރ ޝަހީމް

އާއިޝަތު އަނާ ރަޝީދު
 
19 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވިގެންދަނީ ދިވެހި ސަރުކާރުގެ ޚަރަދުގައެވެ. އަދި މީގެ ފަހުން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް ކުރިއަށްދާނީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އިމާރާތްކުރުމަށް މަސައްކަތް ކުރެވެމުންދާ ކީރިތި ޤުރުއާނާ ބެހޭ ވަޤުފު އިމާރާތުގެ ބިމުގެ ރަޖިސްޓްރީ މިހާރު ވުޒާރާއަށް ލިބިފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ. "މި އިމާރާތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާނުގެ ޢިލްމު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް މާލީ އެހީތެރިކަން ދެވިގެންދާނެ" ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެވެމުންދަނީ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި އިރުޝާދާއެކު، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެންނެވެ. މިއީ މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް ގެނެވޭ ބަދަލުތަކެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކީރިތި ޤުރުއާނުގެ ޢިލްމު މުޅި ރާއްޖޭގައި ފެތުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއް" ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤުރުއާނުގެ ހިދާޔަތުގެ ތެރޭގައި ދަރިން ތަރުބިއްޔަތު ކުރުމަށްވުރެ މާތް މަސައްކަތެއް ނޯންނާނެކަމަށް ފާހަގަކުރައްވައި، ބެލެނިވެރިންނާއި މުދައްރިސުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ހިތްވަރުދެއްވިއެވެ.