ވަގުފު ބިލްޑިންގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދާރުލް އަރްގަމް އަޅަން އާރު.ސީ.ސީ އާއި ހަވާލުކޮށްފި

އާއިޝަތު އަނާ ރަޝީދު
 
4 މަސް ކުރިން

މާލޭގައި 12 ބުރީގެ ވަގުފު ބިލްޑިންއެއް އަޅަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރު، މުހައްމަދު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަގުފު ބިލްޑިން އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ. އެ ބިލްޑިންއަށް ކިޔާނީ ދާރުލް އަރްގަމް ކަމަށް ޝަހީމް ވިދާޅުވި އެވެ.

ދާރުލް އަރްގަމް އިމާރާތް އެޅުމަށް އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނީ ބުރުޒު މަގުގެ ހެންވޭރުކޮޅުގަ އެވެ. 2000 އަކަފޫޓުގެ އެ ބިމުގައި ދާރުލް އަރްގަމް އިމާރާތް ކުރުމުގެ ޕްރޮޖެކްޓު އާރުސީސީއާ ހަވާލުކޮށްފައި ވަނީ 39.4 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. އެ ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލް އިސްލާމިކުންނެވެ.


އެ އިމާރާތް އަޅައި ނިމުމުން، އަހަރެއްގެ މައްޗަށް 10،817،820ރ. ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންދާޒާ ކުރެ އެވެ. އެ އިމާރާތުން ލިބޭ ފައިސާގެ ތެރެއިން 20 ޕަސެންޓު ދޭން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އަށެވެ. ބާކީ 80 ޕަސެންޓު ދޭނީ ދީނީ ކަންތައްތަކަށް އެހީވާ ވަގުފު ފަންޑަށެވެ.


ދާރުލް އަރްގަމް އިމާރާތުގެ އެންމެ ތިރީ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ ނޫން އެހެން ހުރިހާ ފަންގިފިލާތަކެއްގައި ވެސް ހުންނާނީ އޮފީސް ޖާގަތަކާއި ނަމާދު ކޮޓަރިތަކުގެ އިތުރުން މީޓިން ރޫމްތަކެވެ.