އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު - - ފޮޓޯ: އަވަސް

އެމްޑަބްލިޔުއެސްސީން ބޭރު ފައިސާ ހޯދަން ޓުއަރިޒަމް ދާއިރާގައި މަސައްކަތް ފަށަނީ

އާއިޝަތު އަނާ ރަޝީދު
 
5 މަސް ކުރިން

ކުންފުންޏަށް ބޭރު ފައިސާ ލިބޭނެ މަގުތައް ތަނަވަސްކުރުމަށް ޓޫރިޒަމް ދާއިރާގައި އައު މަސައްކަތްތަކެއް ފަށައިފިކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. 

ތިރީސް އަހަރު ފުރުނު އިރުވެސް ކުންފުންޏަށް ޑޮލަރު ލިބޭނެ ދާއިމީ މަގެއް ނެތުމުން، ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށާއި މާލީ ދަތިތަކުން އަރައިގަތުމަށް މި މަސައްކަތް ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މަތީން ހާމަކުރެއްވި ގޮތުގައި، އަހަރަކު 25 މިލިއަން ޑޮލަރުގެ ތަކެތި ބޭރުން ގަންނަން ޖެހޭއިރު، ކުންފުނީގެ މިހާރުގެ ބޯޑުގެ އަމާޒަކީ ޑޮލަރު ލިބޭނެ ދާއިމީ މަގުތަކެއް ހޯދުމެވެ. މިގޮތުން ދެ ދިމާލަކުން މަސައްކަތް ކުރެވެމުންދެއެވެ. އެއީ ރިސޯޓުތަކާއި މާފުށި، މާލެ ފަދަ ތަންތަނުން ޑޮލަރުން ފައިސާ ދެއްކުމަށް އެއްބަސްވުމަކަށް އައުމާއި، އެމްޓީޑީސީއާ ގުޅިގެން ނާގޮށީގެ މަޝްރޫޢުގައި ބައިވެރިވުމެވެ.

މަތީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ނިމުމަކާ ހަމައަށް އަންނައިރު، ދެން އޮތީ ފަތުރުވެރިކަމުގެ ދާއިރާއަށް އެމްޑަބްލިޔުއެސްސީގެ ހިދުމަތް ފުޅާކުރުމެވެ. ޑޮލަރުގެ އަގު މައްޗަށް ދިއުމުން ހިދުމަތުގެ ހަރަދު ބޮޑުވިޔަސް، އެ ބުރަ ރައްޔިތުންނާ ހަމައަށް ނުފޯރުވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ދިނުމަކީ ގައުމީ ފެންވަރުގައި މަޝްވަރާކުރަންޖެހޭ ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.