ބާސެލޯނާއިން ޢައްޒާއަށް އެކި ގައުމުތަކުގެ އެކްޓިވިސްޓުން ހިމެނޭ ފްލޮޓިލާއެއް ފުރައިފިއެވެ.
ބާސެލޯނާއިން އާދީއްތަ ދުވަހު ޣައްޒާއަށް ފުރި އިންޓަނޭޝަނަލް އެހީގެ ފްލޮޓިލާގައި 44 އަށްވުރެ ގިނަ ގައުމުތަކުގެ އެކްޓިވިސްޓުންނާއި، ސިޔާސީ ވެރިންނާއި، އާޓިސްޓުން ހިމެނޭކަމަށް އަނަދޯލޫއިން ރިޕޯޓުކޮށްފިއެވެ. މި ފްލޮޓިލާއަކީ އިޒްރޭލުން ޣައްޒާގެ މައްޗަށް އަޅާފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތެކެވެ.
"ސްޓެޑްފާސްޓްނެސް" މާނަކުރެވޭ އަރަބި ބަހެއްކަމަށްވާ "ސުމޫދު" ގެ ނަމުގައި ކުރިއަށްދާ މި ފްލޮޓިލާގައި 20 އުޅަނދު ހިމެނެއެވެ. އަދި ޑޮކްޓަރުންނާއި، ނޫސްވެރިންނާއި، ކެމްޕެއިނަރުން ހިމެނޭ 300 އަށްވުރެ ގިނަ މީހުން ދަތުރުކުރެއެވެ.
ބާސެލޯނާއިން ފުރުމަށްފަހު، އުޅަނދުތައް މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް އިޓަލީއާއި، ގްރީސްއާއި، ޓިއުނީޝިއާއަށް ދަތުރުކުރާނެއެވެ.
ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަކީ ޖެނޮސައިޑެއް ކަމަށް ބުނެ މިއަހަރުގެ ކުރީކޮޅު އިޒްރޭލާއެކު ހުރިހާ ގުޅުމެއް ކަނޑާލި ބާސެލޯނާއަކީ މި ދަތުރުގެ ފުރުމުގެ ރަމްޒީ ނުކުތާއެވެ.
މި އުޅަނދުގައި ސްވީޑިޝް މޫސުމީ އެކްޓިވިސްޓް ގްރެޓާ ތަންބާގްއާއި، އައިރިޝް އެކްޓަރ ލިއަމް ކަނިންގްހަމްއާއި، ސްޕެނިޝް އެކްޓަރ އެޑުއާޑޯ ފަނާންޑެޒްއާއި، ކުރީގެ މޭޔަރ އާދާ ކޮލައު ހިމެނެއެވެ.