ރަސްމާލެ މަޝްރޫއަށް ބިން ހިއްކުމަށް ވެލި ނަގާ ސަރަހައްދުތަކުގައި ދޯނި އެޅުމާއި ޑައިވް ކުރުން ފަދަ ކަންތައް ނުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޑީސީން މިއަދު ބުނީ ރަސްމާލެ މަޝްރޫއުގެ ސައިޓް 'ސީ' އަދި 'އީ' ހިއްކުމަށް ވެލި ނަގަން ހަމަޖެހިފައިވާ ސަރަހައްދުތަކާއި ބިން ހިއްކާ ތަނާ ދެމެދު ޑްރެޖަރު 24 ގަޑިއިރު ހަރަކާތްތެރިވާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ، އެ ސަރަހައްދުތަކުގައި އުޅަނދުފަހަރު އަޅައިގެން ތިބުމާއި ޑައިވް ކުރުން ފަދަ ކަންތައް ކުރުން ރައްކާތެރި ނޫން ކަމަށެވެ. އަދި އެ ސަރަހައްދުން ކަނޑު ދަތުރު ކުރާ ނަމަ އެ ކަމަށް ސަމާލުވުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް، 11،000 ގޯއްޗާއި 26،000އަށް ވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ.