ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ މާލީ އެހީ ދިނުމަށް އުސޫލެއް ފުރަތަމަ ފަހަރަށް އެކުލަވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިންތިޚާބީ ވަޢުދުތަކުގެ ތެރެއިން، މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅުމަށް ނިންމަވައި، އެކަމަށް ޚާއްޞަ އުޞޫލެއް އެކުލަވާލައްވައި، މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
އިންތިޤާލީ މަރުޙަލާގައި ރައީސް މުޢިއްޒު ވަނީ "މީޑިއާ ގުންޒަރު" ގެ ނަމުގައި ރާއްޖޭގެ މީޑިއާތަކާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވަވައި، މީޑިއާތަކުގެ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް އިލްތިޒާމްވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މީޑިއާތައް ބާރުވެރިކުރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއް ކަނޑައަޅުއްވައި، ހާމަކަން ބޮޑު އުޞޫލެއްގެ ދަށުން އެ ފައިސާ ދޫކުރެއްވުމަށް ނިންމަވާފައިވާކަން އިޢުލާނުކުރައްވާފައެވެ.
އަލަށް ގެޒެޓުކުރެވުނު މި އުޞޫލުގެ ދަށުން، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތަ ލިބިދެވޭނެއެވެ. މި އަދަދު ހިސާބުކުރުމުގައި ހިލޭ އެހީއާއި، އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ކަނޑައެޅިފައިވާ ފައިސާ ނުހިމެނޭނެއެވެ.
ހަމަމިއާއެކު، ފުރަތަމަ ފަހަރަށް، ދެފުށްފެންނަ އަދި ޒިންމާދާރު އުޞޫލެއްގެ ދަށުން މި ފައިސާ ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު މީޑިއާތަކަށް ހުޅުވިގެންދާނެއެވެ.