ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބޭއްވި އިންޓަވިއުގައި މުޙައްމަދު ޝަފީޤް

އެޗްއާރުސީއެމަށް ޝަފީޤް ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

މުހައްމަދު ހަމީޒް
 
4 ދުވަސް ކުރިން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޝަފީޤް އެޗްއާރުސީއެމަށް ޢައްޔަންކުރަން ފާސްވީ 64 މެންބަރުންގެ ވޯޓުންނެވެ.

އެޗްއާރުސީއެމަށް ދެ މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަން ފޮނުއްވެވީ އެކޮމިޝަންގެ ދެ މެންބަރެއްގެ މަގާމު އަންނަ ސެޕްޓެމްބަރު މަހުގެ 8ވަނަ ދުވަހާ ހަމައަށް ހަމަވާތީއެވެ. މަގާމުގެ މުއްދަތު ހަމަވަނީ ނައިބު ރައީސް މޫމިިނާ ވަހީދާއި މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެއެވެ.

އެޗްއާރުސީއެމަށް ޢައްޔަންކުރަން ރައީސް ވަނީ ހ. ސޯސަން، މުޙައްމަދު ފާރިސް ޠާހާގެ ނަންވެސް މަޖިލީހަށް ފޮނުއްވައިފައެވެ. ނަމަވެސް އެޗްއާރުސީއެމަށް ޢައްޔަންކުރަން ރައީސް ހުށަހެޅުއްވި ދެ ނަމަށް ޝަކުވާ ހުށަހެޅުމަށް އާންމުކޮށް ހުޅުވާލި ފުރުޞަތުގައި ފާރިސްއާ ގުޅޭ ގެވެށި އަނިޔާގެ ޝަކުވާތަކެއް ވަނީ ކޮމިޓީއަށް ލިބިފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޓީން ބޭއްވި އިންޓަވިއުގައިވެސް ބައެއް ސުވާލުތަކަށް ރަނގަޅަށް ޖަވާބު ނުދެވުމުގެ ސަބަބުން ކޮމިޓީން ވަނީ އޭނާގެ ނަން ފާސް ނުކުރުމަށް ނިންމައިފައެވެ.