ރައީސް ޔާމީން އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި

ކެމްޕެއިނުގައި ފެނުނީ އިލާހީ ރަޙުމަތެއް ފަދައިން، ނަމަވެސް މުއިއްޒުއަކީ ޑިސަޕޮއިންޓްމެންޓެއް: ޔާމީން

އާއިޝަތު އަނާ ރަޝީދު
 
9 ދުވަސް ކުރިން

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުއަކީ މިހާތަނަށް ދުށް އެންމެ ދޯހަޅި އަދި ދޯދިޔާ ވެރިކަމެއް ހިންގަމުންދާ ރައީސްކަމުގައި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އަދަދު ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ ގިނަ ސިޔާސީ ލީޑަރުން ކޮށްފައިވާ ވެރިކަން ދެކެފައިވާ ކަމަށާއި ނަމަވެސް މިފަދަ ވެރިކަމެއް އަދި ހަޔާތުގައި ދެކެފައިނުވާ ކަމަށެވެ. 

 ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށް ބެލިނަމަވެސް ފެނިގެންދާ ހަމައެކަނި މަންޒަރަކީ މިވެރިކަމުގެ ސަބަބުން ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުންދާ ވޭންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރައީސަކީ އެއްވެސް އިޤތިސޯދީ ނުވަތަ ތަރައްގީގެ ވިސްނުމެއް ނެތް ރައީސެއްކަމަށާއި ދިވެހި އެއްވެސް މުއައްސަސާއަކުން އެމުއައްސަސާއެއްގެ މައްޗަށް މަތިވެފައިވާ ވާޖިބު އަދާކުރުމަށް ތަން ނުދޭ ކަމަށް ވިދާޅުވަމުން ރައީސް ޔާމީން ވަނީ މިއަށްވުރެ ޚުދުމުހުތާރު ވެރިކަމެއް ނުދެކޭ ކަމުގައި ވިދާޅުވެފައެވެ.

"އަޅުގަނޑު ޤަބޫލުކުރަނީ، ބިގްޓައިމް މިއީ ޤާނޫނު ތެރެއިންނާއި ރައްޔިތުންގެ ތަރަހައިގެ ތެރެއިން، ބިގް ޓައިމް ޑިސަޕޮއިންޓެއް މިސަރުކާރަކީ، މުއިއްޒުގެ ސަރުކާރަކީ" ރައީސް ޔާމީން ވިދޅުވިއެވެ.

ނޫސްވެރިޔާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ރައީސް މުއިއްޒުގެ ވެރިކަން ކުރުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ. 

އެގޮތުން ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ވެރިކަން ކުރުމުގެ އުސޫލު ރަނގަޅު ކުރުމުގެ ވިސްނުމެއް ނުވަތަ ވެރިކަން ކުރުމުގެ ހުނަރެއް ހުރިނަމަ ފާއިތުވެދިޔަ ދެއަހަރު ވެރިކަންކުރުން މިހާ ގޯސްކޮށް ދާންވީ ސަބަބަކާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.

 އަދި ރައްޔިތުންނާ ދެއްކި ވާހަކަތަކަށް ބަލައި ކެމްޕެއިނުގެ ތެރޭގައި ރައީސް މުއިއްޒަކީ އިލާހީ ރަޙުމަތެއްގެ ގޮތުގައި ފާހަގަކުރެވިގެން ދިޔަކަމަށާއި އޭރު ވެރިކަން ހޯދުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު އޮތް ކަމުގައި ބުނަމުންދިޔަ ފަރާތަކުން ރައްޔިތުން ނިކަމެތިކުރަމުން ގެންދަވަނީ ކީއްވެކަމާއި މެދު ވެސް އެމަނިކުފާނުވަނީ ސުވާލު އުފައްދާފައެވެ. ފަހު ތިން އަހަރު ރަނގަޅުކުރެވުމުން ކައްފާރާ ދެއްކުނީތޯވެސް ސުވާލު ކުރެއްވެވިއެވެ.

ރައީސް ޔާމީންވަނީ މިރޭގެ ޕްރޮގްރާމުގައި އެމަނިކުފާނު ދެކޭ ގޮތުގައި ކުރިއަށް އޮތް 3 އަހަރުވެސް އެއްވެސް ކަމެއް ރަނގަޅުވެގެންދާނެ ކަމުގައި ނުފެންނާނެ ކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ ހިންގާ އެންމެ ބޮޑެތި މައްސަލަތައް ކަމުގައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، މަރުގެ މައްސަލަތައް ފުނިޖެހި، އިޖްތިމާއީ ބޮޑެތި މައްސަލަތައް ހިމެނޭ އެތައް ކަމެއްވެފައިވާއިރު، މީގެއިން އެއްވެސް ކަމެއް ތަހުގީގަކާއި ހަމައަށްވެސް ގޮސްފައިނުވާ ކަމުގައިވެސް ވިދާޅުވިއެވެ.

އިތުރު އެއް އަހަރަށްވެސް ވެރިކަން ކުރުމުގެ ފުރުސަތު ދީފިނަމަ، އެއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމުގައި ރައިސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން ރައީސް މުއިއްޒު ވެރިކަން ބޭނުންނުވާކަމަށާއި އެންމެ ރީތި ގޮތަކީ އިސްތިއުފާ ދިނުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.