ޒުވާނުން ބާރުވެރިކޮށް މަސައްކަތުގެ މައިދާނަށް ނިކުތުމަށް ހިތްވަރުދީ، ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމަށް،މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި އެކު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން އިން ސޮއި ކޮށްފިއެވެ.
މިއަދު ހައުސިންގެ ޑެވެލޮޕްމެންތް ކޯޕަރޭޝަންގައި ކުރިއަށް ގެންދެވުނު ހާއްސަ ރަސްމިއްޔާތެއްގައި ކުންފުނީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، އަހުމަދު މުހައްމަދުއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކޮށްފައިވަނީ އެކޮލެޖުގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމްއެވެ.
މިއެމްއޯޔޫގެ ދަށުން އަންހެނުންނާއި ޒުވާނުންގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުމުގެ ޕްރޮގްރާމްތައް މިކޮލެޖާއި ގުޅިގެން ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަލަށް ސްކޫލު ނިންމާ ދަރިވަރުން ވަޒީފާގެ މާހައުލަސް އަހުލުވެރިކުރުމުގެ ގޮތުން ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ޑޯމެސްޓިކް އެޕްލައަންސް ސޭފްޓީ ޕްރޮގްރާމްތަކާއި، މޮޓޯ ސައިކަލް ރިޕެއަރ އެންޑް މެއިންޓެނެންސް ޕްރޮގްރާމުތަކުގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވީލްޗެއަރ ރިޕެއަރ ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޒުވާނުން ބާރުވެރިކުރުމަށް އެޗްޑީސީ އިން މިފަދަ ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ. އަދި މިއެމްއޯޔޫގެ މުއްދަތަކީ އެއްއަހަރު ކަމުގައިވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.