ހައްޖަށް ދިވެހީން ގެންދިއުމުގައި ކޯޓާ ހަވާލުކުރަނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށާއި، ކޯޓާއިން ވައްކަންކޮށްފައި ނޯންނާނެ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަހީމް ވިދާޅުވީ، ޕްރައިވެޓް ހައްޖު ކުންފުނިތަކުން ދެމުން އައި ޚިދުމަތްތަކަށް ހައްޖު ކޯޕަރޭޝަން ވުޖޫދުވުމަށްފަހު އިންގިލާބީ ބަދަލެއް ގެނައި ކަމަށާއި، އެގޮތުން ހައްޖާޖީން ހައްޖަށް ދައްކަން ޖެހޭ ވަރަށް ވުރެ އިތުރަށް ދައްކަން ނުޖެހޭ ގޮތަށް ވަކި އުސޫލުތަކެއްގެ ތެރެއިން ކޯޓާ ދޫކުރަމުން އަންނަ ކަމަށެވެ.
ހައްޖު ކޯޓާ ދެފުށް ފެންނަ ގޮތަކަށް ދޫކުރުމަށް ޓަކައި ކުރިއަރާފައިވާ ގައުމުތަކުގެ ތަޖުރިބާ އަށް ބަލައި ހައްޖު ކޯޕަރޭޝަންގެ ޚިދުމަތް ފެށީ އެކަށޭނަ އުސޫލުތަކެއްގެ ތެރެއިން، ފައިސާ ދައްކާ ތަރުތީބުން ކޯޓާ ދޫކުރާ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، އިންސާފުވެރިކަމާއެކު ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނުނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށެވެ.
"މި ބަދަލުތަކުގެ ސަބަބުން ކިޔޫ ތަރުތީބުކުރުމުގައި އުމުރުން ދުވަސްވީ މީހުންނާއި އަލަށް ހައްޖަށްދާ މީހުންނަށް އަބަދު ވެސް އިސްކަމެއް ދެވިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި، ހައްޖު ކޯޓާއިން ފުރުސަތު ދިނުމުގައި ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް ސަރުކާރުން އިސްކަމެއް ނުދޭނެއެވެ. އަދި ހައްޖާޖީންގެ ކަންކަން ބެލެހެއްޓޭނީ އެހީތެރިން ތިބެގެންނެވެ. އެއަށް ވަކި އުސޫލުތަކެއް އޮންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހައްޖު ކޯޓާ ފޯރުކޮށްދިނުމުގައި ވަކި މީހަކަށް ވަކި އާއިލާއަކަށް ބަލައިގެން އެކަމެއް ނުކުރޭ އެއްވެސް އިރެއްގައި، އަދި އުސޫލުތަކެއް ވެސް އެ ގޮތަކަށް ތަނެއް ނުދޭ،" ޝަހީމް ވިދާޅުވިއެވެ.