ސަރުކާރުގެ މަސައްކަތްތައް ބައްޓަން ވެފައިވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވެފައިވާ ވައުދުތައް ފުއްދުމަށްކަމަށާއި، ރިޔާސީ އިނތިހާބުގެ ފަހަށްވެސް ވެފައިވާ ވައުދުތައް ފުއްދުމަށް މަސައްކަތްކުރެވިގެންދާ ކަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ބ އަތޮޅުގެ ދޮންފަނަށް ވަޑައިގެން އެމަނިކުފާނުވަނީ އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެރަށުގެ ދަތިތައް ހައްލުކުރުމަށް މިއަދު ގިނަ މަސައްކަތްތަކުގައި ސޮއިކުރެވިގެން ގޮސްފައިވާ ކަމަށެވެ.
އެމަނިކުފާނުގެ ވައުދުތަކުގެ ތެރެއިން ރަށުގެ ބިން ހިއްކުމާއި، ބަނދަރުގެ ނެރު ފައިކަށީގެ މައްސަލަ ހައްލުކުރުމަށާއި މޫދަށް އެރޭނެ ތަނެއް ހެދުމަށް މިއަދު ސޮއިކުރެވިފައިވާކަމަށާއި މިމަޝްރޫޢުތައް ނިމުމާއިއެކު ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަ ކަންކަމަށް ހައްލު ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ބިމުގެ ދަތިކަން އޮތް ރަށެއްކަމުގައި ވިދާޅުވަމުން އެމަނިކުފާނު ވަނީ މަޝްރޫއުތައް ނިމުމާއި އެކު 13 ހެކްޓަރުގެ ބިން އިތުރުވެގެންދާނެ ކަމުގައި ވިދާޅުވެފައެވެ.
އަދި މިއަދު ސޮއިކުރެވުނު ތިން މަޝްރޫއާއިއެކު އެއް މަސަކަތެއްގެ ގޮތުގައި މިތިން މައްސަލަވެސް ހައްލެއް ގެނެވޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
https://x.com/presidencymv/status/1955591341465129200?s=46
މީގެ އިތުރުން އެމަނިކުފާނުވަނީ ދޮންފަނުގެ ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްވެސް މަޝްރޫއެއްގައި ސޮއިކުރެވިފައިވާ ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ އިންތިޙާބުގެ ތެރޭގައި ދޮންފަނުގެ ރައްޔިތުންނަށް 8 ވައުދުވެފައިވާ ކަމަށާއި މިމަޝްރޫތަކާއި އެކު 4 ވައުދެއް ފުއްދިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު މުހިންމު މަސައްކަތްތައްވެސް ފެށިގެންދާނެ ކަމުގައި މިއަދު ރައީސް ވަނީ ވިދާޅުވެފައެވެ.