ބ. ކެންދޫގެ ރައްޔިތުންނާއި ރައީސް މުހާތަބުކުރުމުގެ ތެރެއިން - - ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތަކުން ކުރާ "ބޭކާރު" ތަޖުރިބާ ދަތުރުތަކާމެދު ރައީސްގެ ނުރުހުން

އާއިޝަތު އަނާ ރަޝީދު
 
3 ދުވަސް ކުރިން

ތަޖުރިބާ ދަތުރުތަކެއްގެ ގޮތުގައި ބައެއް ކައުންސިލްތަކުން ކުރައްވާ ދަތުރުތަކާއި މެދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކޮށްފިއެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ކެންދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވުމުން ރައީސް ވަނީ ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކެއްގެ ކުރުމުގެ ނަމުގައި ބޭކާރު ޚަރަދުތަކެއްކޮށް ރާއްޖެއިން ބޭރަށްދާ ދިއުމާއި މެދު ފާޑުވިދާޅުވެފައެވެ.

އެގޮތުން ފާހަގަކޮށްލެވޭ ގޮތުގައި ދާދި ފަހުންވެސް ހދ. އަތޮޅުގެ ކައުންސިލަކުން ތަޖުރިބާ ހޯދުމުގެ ނަމުގައި ތައިލޭންޑަށް ގޮސްފައިވެއެވެ. އަދި ދާދިފަހުން ވެސް ކައުންސިލަކުން މިފަދަ ނަތީޖާ ނުނެރެވޭ ފަދަ ދަތުރެއްގައި ބޭރު ޤައުމަކަށް ގޮސްފައިވާކަން ނޫހަކުން ރިޕޯޓުކޮށްފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނުވަނީ ސަރުކާރުން ކައުންސިލްތަކަށް ދެއްވާ ބްލޮކް ގްރާންޓަކީ އަދަދަށް ބަލާއިރު މަދު އަދަަކަށް ވެފައި މިގްރާންޓް ކައުންސިލަށް ދިނުމުގެ ބޭނުމަކީ ކައުންސިލްތަކުން ކުރަންޖެހޭ މުނިސިޕަލްގެ މަސައްކަތްތަކާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައި ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިފަދަ ބޭކާރު ދަތުރުތަކަށް މިގްރާންޓުގެ ފައިސާ ހޭދަކުރާކަމީ ކަންބޮޑުވުން ހުރި ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކައުންސިލްގެ ބަޖެޓުން 9 ލައްކަ ހޭދަކޮށް، ހދ އަތޮޅުގެ ކައުންސިލް އިން ކުރި "ތަޖުރިބާ ދަތުރު" ގެ މައްސަލައެއް ފެންމަތިވެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އަންގައިފައިވެއެވެ. މިފަދަ ދަތުރުތަކުގައި ކައުންސިލް މެމްބަރުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާކަންވެސް ފާޙަގަކުރެވެއެވެ.

ކެންދޫގެ ރައްޔިތުންނާއި ވާޙަކަފުޅު ދައްކަވަމުން ރައީސް ވަނީ ލާމަރުކަޒީ ނިޒާމުގެ ތެރޭގައި ހިމެނޭ އުސޫލިތައް ހަރުދަނާ ކުރުމަށް އެޅޭ ފިޔަވަޅުތައް މުހިންމުކަމަށާއި ކައުންސިލްތަކުން މިފަދަ ބޭކާރު ޚަރަދުތައް ކުރުމަކީ ލާމަރުކަޒީ ނިޒާމު ގާއިމުކުރުން ނޫންކަމަށާއި އެއީ މިއަށޤވުރެ މާ ސީރިއަސް ނިޒާމެއްކަމުގައެވެ. އަދި ވަކި ސިޔާސީ ފިކުރަކަށް ނުބަލައި އިންތިހާބުވުމަށްފަހު މާލީ ގޮތުން ޒިންމާދާރުވުމަށް ރައީސް ވަނީ ނަސޭހަތްތެރިވެފައެވެ.