މާދަމާ ބޭއްވުމަށް ތާވަލު ކުރެވިފައިވާ، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސްވެރިން ހާޟިރުކުރުމަށް ނިންމައިފިއެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ 11 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވިފައިވާ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި، އެމްއެމްއޭ ހާޟިރުކޮށް، މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ފޮރިން ކަރަންސީ (ޚާއްސަކޮށް ޔޫއެސް ޑޮލަރު) ގެ މައްސަލައާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށް، މަރުކަޒީ ބެންކުގެ ހައިޘިއްޔަތުން އެމްއެމްއޭ ގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކާއި،
އަދި ކުރިމަގުގައި ރޭވިފައިވާ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެވޭނެކަމަށް ޚަބަރު ލިބިފައިވެއެވެ.
މި ބައްދަލުވުމުގައި ފޮރިން ކަރަންސީގެ މައްސަލާގެ އިތުރުން، އެމްއެމްއޭ ގެ ބައެއް އެހެން މަސައްކަތްތަކާބެހޭ ގޮތުންވެސް މަޝްވަރާކުރާނެކަމަށް، މި ނޫހަށް މައުލޫމާތު ދެއްވި ފަރާތުން ހާމަކުރައްވާފައިވެއެވެ.
މާލިއްޔަތު ކޮމެޓީއަށް އެމްއެމްއޭ ގެ އިސްވެރިން ހާޟިރުކުރުމަށް ނިންމާފައިވާއިރު، މިއަދުގެ ވަގުތެއްގައި އެމްއެމްއޭ ގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް ގެ އިސްވެރިޔާ އަބްދުﷲ އަޝްރަފު ވަނީ އެ މަޤާމުން ވަކިކޮށް؛ އެ މަޤާމަށް އިސްމާއިލް ސާޖިދު އައްޔަނުކުރައްވާފައެވެ.