ިއިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ | ފޮޓޯ: ގޫގުލް

ދިވެހިންނަށް އުންމީދީ ޒިޔާރަތެއް ދެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ފުރާވަޑައިގެންފި

މުހައްމަދު ހަމީޒް
 
8 ދުވަސް ކުރިން

ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެއް ނިންމަވާލައްވާ، ދެ ގައުމުގެ ގުޅުމަށް "އިތުރު ހަކަތައެއް" ލިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ހަވީރު ވަނީ ފުރާވަޑައިގެންފައެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރު ހަރަކާތްތައް ބައްލަވާލެއްވުމަށްފަހު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މޯދީއަށް އަލްވަދާއު ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އަދި ހޯމް މިނިސްޓަރު އަލީ އިހުސާނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެން، މޯދީ ވަނީ މުހިންމު ހަތަރު އެމްއޯޔޫ އަކާއި ތިން އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާ ފެށޭނެ ކަން ވެސް އިޢުލާނު ކުރެއްވިއެވެ.

މި ދަތުރުފުޅުގައި ސޮއިކުރެވުނު އެންމެ މުހިންމު އެއް އެއްބަސްވުމަކީ 565 މިލިއަން ޑޮލަރު (8.7 ބިލިއަން ރުފިޔާ)ގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ހެދި އެލްއޯސީ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުމަށް ލުއިތަކެއް ގެނެސްދެއްވާފައިވެއެވެ.

މި ކުރު މުއްދަތުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކާއެކު، ދިވެހި-އިންޑިއާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.