ޢާންމު ރައްޔިތުންނަށް ދިމާވެފައިވާ ބުޅަލުގެ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ހުޅުމާލޭގައި ގާއިމުކޮށްފައިވާ އޮޅުހިޔާ ފެސިލިޓީގައި އެއްފަހަރާ 100 ބުޅާ ކަރަންޓީނުކުރެވޭނެ ގޮތަށް ޖާގަ އިތުރުކޮށްފިއެވެ.
މިކަމާއެކު ބުޅާ ނެގުމުގެ މަސައްކަތް އިތުރަށް ހަލުވިކުރެވޭނެކަމަށް ވުޒާރާއިން ބުނެއެވެ.
ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މި ފެސިލިޓީއާ ހަވާލުވީ މި އަހަރުގެ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ 15 ބުޅާ ނަގާފައިވާއިރު، އޭގެ ފަހުން 30 ބުޅާ ނަގާފައިވެއެވެ. ނަމަވެސް، ކަރަންޓީނު ކުރާނެ ޖާގަ މަދުވުމުގެ ސަބަބުން ބުޅާ ނެގުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓިފައެވެ. މިކަމުގެ ސަބަބުން، ޢާންމުންގެ ޝަކުވާތައް އިތުރުވެފައިވާކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު ވެސް ވުޒާރާއިން ބުނެފައިވަނީ ކަރަންޓީނު ޖާގަތައް ފުރިފައިވާ ކަމަށެވެ.
ވުޒާރާއިން ރޭ ބުނި ގޮތުގައި، މިހާރު ވަނީ އޮޅުހިޔާގެ ކަރަންޓީނު ޖާގަތައް އެކި ފަހަރުމަތިން އިތުރުކޮށް، އެއްފަހަރާ 100 ބުޅާ ބެހެއްޓޭނެ ގޮތަށް ތައްޔާރުކޮށްފައެވެ. މިދިޔަ މަހު ބުޅާ ނެގުމުގެ މަސައްކަތް އަލުން ފެށި ނަމަވެސް، ވިއްސާރަވުމުގެ ސަބަބުން މަސައްކަތް ހުއްޓާލިއިރު، ފެސިލިޓީއަށް 28 ބުޅާ ނަގާފައިވެއެވެ. އެއާއެކު، ފެސިލިޓީގައި ތިބި ބުޅަލުގެ ޖުމްލަ ޢަދަދު 75 އަށް އަރާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
ބުޅާ ނެގުމުގެ މަސައްކަތް އަލުން ފެށިއިރު، ކަރަންޓީނުގައި ތިބި 34 ބުޅަލުގެ ތެރެއިން 19 ބުޅާ ވަނީ ކޮށިތަކަށް ބަދަލުކޮށްފައެވެ. މިއަދު ހަވީރު މާލޭގެ މެރީބްރައުން ސަރަހައްދުންނާއި މިރޭ ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 37 ބުޅާ ފެސިލިޓީއަށް ނަގާފައިވާ ކަމަށް ވުޒާރާއިން ހާމަކުރެއެވެ. އެހެންކަމުން، މިހާރު އޮޅުހިޔާ ފެސިލިޓީގައި ތިބި ބުޅަލުގެ ޖުމްލަ ޢަދަދަކީ 112 އެވެ.
ވުޒާރާއިން އިތުރަށް ބުނީ، މޫސުން ތަންދޭ މިންވަރަކުން ބުޅާ ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށެވެ.