މިއަދުގެ ހުކުރު ހުތުބާގައި، ކީރިތި ޤުރްއާން ކިޔަވައި އެ ހިތުދަސްކުރުމުގެ މުހިންމުކަމާއި، އެއީ ޤުރްއާން ރައްކާތެރިކުރެވޭނެ ގޮތެއްކަމުގައި ބަޔާންކޮށްފިއެވެ.
މި ހުތުބާގައި ވަނީ ޤިޔާމަތާ ހަމަޔަށް ދެމިގެންދާނެ މުޢުޖިޒާތެއް ކަމުގައި މާތް ﷲ ލައްވައިފައިވާ އެ ކަލާމްފުޅުގެ މާތްކަމާއި، ހިތުދަސްކުރުމުން ލިބޭނެ ދުނިޔެވީ އަދި އުޚްރަވީ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތްﷲގެ ކަލާމްފުޅެވެ. މި މަތިވެރި ފޮތް ރައްކާތެރިކުރައްވާނެ ގޮތް މާތްﷲ ވަނީ މެދުވެރިކުރައްވައިފައެވެ.
އެގޮތުން، ކީރިތި ޤުރްއާން ހިތު ދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވައި، އަދި ގިނަގިނައިން އަޑު އަހައިގެންކަމަށް ހުތުބާގައި ބުނެފައިވެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ މާތްﷲ ގެ ވަޖުހުފުޅު އަދައިގެން، ޤުރްއާން ހިތުދަސްކުރުމުގެ ސަބަބުން ﷲގެ ޙަޟުރަތުން ލިބޭނޭ މަތިވެރި ދަރަޖައެވެ.
ހުތުބާގައި ބަޔާންކުރެއްވި ގޮތުގައި، ކީރިތި ޤުރްއާނުން މިންވަރެއް ނުވާ މީހެއްގެ މިސާލަކީ ވީރާނާވެފައިވާ ގެއެއްގެ މިސާލެވެ. ޤިޔާމަތް ދުވަހުން ކީރިތި ޤުރްއާން އުނގެނި، ހިތުދަސްމީހާގެ ދަރަޖަ މަތިވެރިވެގެންވެއެވެ. ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެކެވެ. މަރުވުމަށް ފަހުގައި ވެސް އޭނާގެ ދަރަޖަ މަތިވެރިވާނޭ ކަމެކެވެ. އަދި އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެއް ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭކަމަށް ހުތުބާގައި އިރުޝާދު ދެއްވިއެވެ. ކީރިތި ޤުރްއާނަކީ ތިބާއާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ. އެ އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެކެވެ. ގުރުއާނަށްރައްކާތެރިވެ އެ އަމާން އިތުރު ޖީލަކަށް ފޯރުކޮށްދިނުމަކީ އޭގެ ސަބަބުން ދެމިގެންދާ ޞަދަޤާތެއް ލިބޭނޭ ކަމެއް ކަމުގައިވެސް ހުތިބާގައިވެއެވެ.
ހުތުބާގައި ވަނީ ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއްކަން ވެސް ހަނދާންކޮށްދެއްވާފައެވެ.