މިދިޔަ އަހަރު މުދަލު ޒަކާތުގެ ފައިސާ ބެހުން. / ފޮޓޯ: ވުޒާރާ

މުދަލު ޒަކާތުގެ ގޮތުގައި 5،000 ރުފިޔާ ބަހައިފި

މަރިޔަމް ސަމްހާ
 
2 މަސް ކުރިން

މުދަލު ޒަކާތުގެ ގޮތުގައި 5،000 ރުފިޔާ ބަހައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮންމެ ފަގީރެއްގެ ބޮލަކަށް 5،000 ރުފިޔާގެ ރޭޓުން މިއަހަރުގެ މުދަލު ޒަކާތް އިއްޔެ ބަހާފައިވާ ކަމަށެވެ. 

އެ ފައިސާ ބަހާފައިވަނީ ޒަކާތު ފަންޑުގެ ފަގީރުންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓަރީ ވެފައިވާ 2852 ފަގީރުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ބޮަލަކަށް ޖެހުނީ 4،000 ރުފިޔާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޒަކާތައް ހާއްސަ އިދާރާއެއް ގާއިމްކޮށްފައިވާއިރު، އެ އިދާރާގެ ދަށުން ގިނަ ކުރިއެރުންތަކެއް އަންނަނީ ހާސިލްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފަގީރުންނަށް އެ ފައިސާއިން ހޭދަ ކުރުމުގެ އިތުރުން، މުޖުތަމައުގެ އިޖްތިމާއީ މައްސަލަތަކަށް ވެސް އަންނަނީ އެހީތެރިވަމުންނެވެ.

މީގެ އިތުރުން ފަލަސްތީނުގެ ޣައްޒާގެ ކުދިންގެ ކާބޯތަކެއްޗަށްވެސް ޒަކާތު ފަންޑުން މިއަހަރު 5 ލައްކަ ރުފިޔާ ހަދިޔާކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.