އަސްކޮއި ޓްރެވަލް ސަރވިސްގެ ޢުމްރާ ހުއްދަ ހިފަހައްޓައިފި

ލަމްޔާ އަލީ ހާޝިމް
 
7 ދުވަސް ކުރިން

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ އަސްކޮއި ޓްރެވަލް ސަރވިސް ޕޮރައިވެޓް ލިމިޓެޑްގެ ހުއްދަ، ޢުމްރާއާބެހޭ އުސޫލާ ހިލާފަށް ޢަމަލުކޮށްފައިވާތީ ހިފަހައްޓައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދާދިދެންމެއަކު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޖުލައި 24 ވަނަ ދުވަހު ޢުމުރާއަށް ފުރަން ހަމަޖެހިފައިވާކަމަށް އަސްކޮއި ޓްރެވަލް ސަރވިސްއިން އެންގުމަށްފަހު، މި ވަގުތު ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރުން ރައްކާތެރި ނޫންކަމަށާއި ގަލްފުގެ ނުރައްކާތެރިކަން ރަނގަޅުވުމުން ދަތުރުކުރުމަށް ކުންފުނިން ބޭނުންވާކަމަށް ބުނެ، ޢުމްރާ ދަތުރު ފަސްކޮށްފައިވެއެވެ. މިކަމާ ގުޅިގެން މި ދަތުރަށް ފައިސާދައްކައިފައިވާ ގިނަ ފަރާތްތަކުން ވަނީ އެކަމުގެ ޝަކުވާ މިނިސްޓްރީއަށް ހުށައަޅާފައެވެ.

ޝަކުވާ ހުށަހެޅި ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެ ފަރާތްތަކުގެ ޕާސްޕޯޓާއި މުހިންމު ލިޔުންތައް ހޯދުމަށްޓަކައި ކުންފުނީގެ އިސްވެރިޔާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން ކުންފުނީގެ އިސްވެރިންނާއި ރަސްމީ ގޮތުން މިނިސްޓްރީން ކޮށްފައިވާ އެއްވެސް މުޢާމަލާތަކަށް ޖަވާބު ދީފައިނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން މިނިސްޓްރީން ފޮނުވި ސިޓީއަށް ވެސް މިހާތަނަށް އެ ކުންފުނީގެ ފަރާތުން ޖަވާބެއް ދީފައިނުވާކަމަށް މިނިސްޓްރީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، އަސްކޮއި ޓްރެވަލް ސަރވިސް ޕޮރައިވެޓް ލިމިޓެޑުން ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާބެހޭ އުސޫލާ ހިލާފަށް ޢަމަލުކޮށްފައިވާތީ، އެކުންފުންޏާމެދު އަންނަނިވި ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ:

1.ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މި މިންޓްރީން އަސްކޮއި ޓްރެވެލް ސަރވިސް ޕޮރައިވެޓް ލިމިޓެޑަށް ދޫކޮށްފައިއިވާ ހުއްދަ ހިފެހެއްޓުން

2. އަސްކޮއި ޓްރެވެލް ސަރވިސް ޕޮރައިވެޓް ލިމިޓެޑު ޖޫރިމަނާ ކުރުން

3. އަސްކޮއި ޓްރެވެލް ސަރވިސް ޕޮރައިވެޓް ލިމިޓެޑަ އަދި އެކުންފުނީގެ އެއްވެސް ހިއްސާދާރެއ ހިމެނޭ އެހެން ކުންފުންޖަކަށް ވެސް ޢުމްރާއަށް މީހުން ގެންދުއުމުގެ ހުއްދަ ނުދިނުން

4. 2025 ޖުލައި ޢުމްރާދަތުރަށް ދުރާލާ ފައިސާ ދައްކައިފައިވާ މީހުންގެ ރިފަންޑު އެ ފަރާތްތަކަށް އަމބުރާ ޙަވާލުކުރުމަށް އަސްކޮއި ޓްރެވެލް ސަރވިސް ޕޮރައިވެޓް ލިމިޓެޑަށް އެންގުން

5.މައްސަލަ ތަހުޤީގުކޮށް ޤާމޫނީ ފިޔަވަޅު އެޅުމަށް އަސްކޮއި ޓްރެވެލް ސަރވިސްއަށް ހުށަހެޅުން

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ޓަކައި މިނިސްޓްރީއޮފް އިސްލާމިކް އެފެއާއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ފަސްޖެހުމެއްނެތި ކުރނެކަމުގެ ޔަޤިންކަން ދިވެހި ލޮބިވެތި ރައްޔިތުންމަށް ވަނީ އަރުވާފައެވެ.