ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ނުވަތަ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި މަޖިލީހަށް ހުށަހަޅާފައިވާ ބިލް އިތުރަށް ދިރާސާކުރުމަށް އަންގާފައިވާކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސް ގައި ޝާއިއު ކޮށްފައިވާ ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ ދިވެހި މުޖުތަމައު އިން މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހުކުރުމަށް ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ގާނުނަށް އިސްލާހު ގެނައުމުގައި މިފަދަ ޖިނާއީ ކުށެއް ސާބިތުވާ ފަރާތްތަކާއި މެދު މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ކަނޑައެޅޭނެ ފަދައިން އެބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާއި ގުޅުންހުރި ފަރާތްތަކަށް އަންގާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މިފަދައިން ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި މިފަދަ ކުށްތަކުން ރާއްޖޭގެ ޒުވާނުން ސަލާމަތްކޮށް ރާއްޖެއިން މަސްތުވާތަކެތި ނައްތާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމުގައި ވެސް ރައީސްގެ އެކްސް ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.