ދެ ޤައުމުގެ މެދުގައި 60 އަހަރުގެ ސިޔާސީ ގުޅުން އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ގުޅުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއިން ހިއްސާކުރާ ތާރީޚާއި، އާންމު އާދަކާދައާއި ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށެވެ. އަދި ދިވެހީންނާ މެދު ސްރީލަންކާގެ ރައްޔިތުން ދައްކުވާ ގާތްކަމާއި، އަދާކުރާ ހޫނު މެހެމާންދާރީއާއި، އެ ރައްޔިތުންގެ ދީލަތިކަމަކީ ދިވެހީންގެ ހިތްތަކުގައި އެތައް ޒަމާނަކަށް ދެމިހުންނާނެ އަސަރުތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ދެ ޤައުމުގެ މެދުގައި ފަތުރުވެރިކަމާއި، ޑިޖިޓަލް ޓެކްނޮލޮޖީއާއި، ސަގާފަތާއި، ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން އިތުރަށް ވަރުގަދަވަމުންދާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ދުނިޔޭގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޤައުމު އެއް އަމާޒެއްގައި މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި، ޞުލްޙަމަސަލަސްކަމާއި ކުރިއެރުން ހަރުދަނާކުރުމާއި، އެއްބައިވަންތަކަމާއެކު ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް ސްރީލަންކާއާއެކު މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.