ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކޭ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެއަށް ވަޑައިގެންފިއެވެ.
އަނޫރާގެ މި ދަތުރުފުޅަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަނޫރާއަށް މަރުހަބާ ދެންނެވީ ރައީސް މުއިއްޒުއެވެ. އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވި ނަމަވެސް، ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ އިހުތިފާލުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހުއެވެ.
މި ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާމެދު، ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ. އަދި އެ މަޝްވަރާތަކާއި، ދަތުރުފުޅުގައި ނިންމެވި ނިންމެވުންތަކުގެ މައްޗަށް ބިނާކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ރައީސް ޑިސަނާޔަކެ، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްރީލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.