ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް ހީނަރު ކަމެއް ނާންނާނެ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ ޝަރަފުގައި ބޭއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއަހަރަކީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރޭ އަހަރު ކަން ފާހަގަ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، "މިހާރު ވެސް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމަކީ ޑިޕްލޮމެޓިކް ރަސްމީ ކަންތައްތަކުގެ ކުރިން ގަރުނުތަކެއް ވަންދެން އޮތް ގުޅުމެއް" ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ރާއްޖެ، ގަރުނުތަކެއް ވަންދެން "މުދަލާއި ވާހަކަތަކާއި ޚިޔާލުތައް" އިންޑިއާ އާ އެކު ބަދަލުކޮށްފައިވާ ކަމަށެވެ.
މި ކަމުން ދިވެހި ރާއްޖެ އާ އިންޑިއާ އެއްބައިވަންތަ ކޮށްދޭ ކަމަށް ވިދާޅުވެ، ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ކަނޑައެއް ނުލެވޭނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.