ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ނަގާފައިވާ ލޯނާއި ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިން ފާޑު ކިޔުމާއި ގުޅިގެން ޔާމީންގެ ވަރުގަތަ ރައްދެއް ދެއްވައިފިއެވެ.
ފައްޔާޒް ވިދާޅުވެފައިވަނީ، ރާއްޖޭގެ ދަރަނީގެ ބޮޑު ހިއްސާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލް ހަދަން މާ މޮޅު އިކޮނޮމިސްޓެއް ކަމަށް ދައްކަވައިގެން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ނެގި ލޯނު ކަމަށެވެ.
މިކަމަށް ރައީސް ޔާމީން ވަނީ ޕީއެންއެފް ޖަލްސާގައި ހިސާބު އަކުރުން ރައްދު ދެއްވާފައެވެ. އެގޮތުން، ޔާމީން ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުމުގެ ކުރިން އެމްއޭސީއެލް އިށް އަހަރަކު 300 މިލިއަން ރުފިޔާގެ ފައިދާ ލިބުނު ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އެއާޕޯޓޫ ވިއްކާލުމުން ފުރަތަަމަ އަހަރު ޖީއެމްއާރުން ސަރުކާރާށް ދައްކާފައިވަނީ އެންމެ 15 މިލިއަން ރުފިއާކަމަށެެވެ.
"އެހެންވީމާ އެ އޮތީ ރަނގަޅު ވިޔަފާރިއެއްތާ ކުރުވާފައި. ތިންސަތޭކަ މިލިއަނުން 15 މިލިއަނަށް. އޭރު ފިނޭންސް މިނިސްޓަރަކަށް ހުންނެވީ މުހައްމަދު ޝިހާބު. އެ މީހުންގެ ބޭނުންތައް އޮވެގެން ޖެޓް ފިއުލް ނޫނިއްޔާ މަތިންދާބޯޓަށް އަޅާ ފިއުލްގެ އަގު ހެޔޮ ކުރަން ކުރި މަސައްކަތް. ވަރަށް ގިނަ ކޮންސެންޝަންތައް ހޯދަން އެ މީހުން މަސައްކަތް ކުރި،" ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއީ ރައީސް ނަޝީދުގެ ވެރިކަމުގައި ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެމްޑީޕީގެ ދެ ވެރިކަމުގައިވެސް އެހެން ސަރުކާރު ތަކުން އުފައްދާފައިވާ އެސެޓުވަނީ ވިއްކާފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެންވެ ރައީސް ނަޝީދު އެހާ ފަރިތަކޮށް ވިދާޅުވަނީ މަންމަގެ އުނަގަނޑުގައި އޮތް ފައްޓަރުބައި ވިއްކާލާ ވާހަކަ. އެމް.ޑަބްލިއު.އެސް.ސީގެ ހިއްސާ ވިއްކާލި، ދިރާގުގެ ހިއްސާ ވިއްކާލީ، އެއާޕޯޓު ޖީއެމްއާރަށް ވިއްކާލީ، މިހާރު 16 އަހަރު ފަހުން މި އުޅެނީ އެއާޕޯޓު ޖިއެމްއާރަށް ވިއްކާލުން ރަނގަޅު ކަމަކަށް ދައްކަން"، ޔާމީން ވިދާޅުވިއެވެ.
އިތުރަށް ރައީސް ޔާމީން ވިދާޅުވީ، ޖީއެމްއާރް އަތުން އެއާޕޯޓު އަތުލުުމުން އެއާޕޯޓު ހިންގާ ކުންފުނީގެ ރެވެނިއު އެއް ބިލިއަނަށް އަރައިގެން ދިޔަ ކަމަށެވެ. އަދި 2018 ވަނަ އަހަރު ނިމުނު އިރު އެމްއޭސީއެލްގެ ފައިދާ ގެ ގޮތުގައި 1.5 ބިލިއަން ރުފިއާ ލިބިފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ފައްޔާޒު އަށް އެއާޕޯޓު ޓާމިނަލް އަކީ އެހާ ބޭކާރު ހަރަދެއްކަމަށް ފައްޔާޒު އަށް ފެނިވަޑައިގަންނަވަންޔާ އެ މަސައްކަތް ހުޓާލަން 5 އަހަރު ލިބި އެކަން ހުއްޓާނުލީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.
"357 މިނިއަން ޑޮލަރަށް ބިއްލާދީން ގްރޫޕް އަށް ދިނީ، އެއީ ޓާމިނަލްގެ އަގު، އެމްޑީޕީ ސަރުކާރުން 600 މިނިއަން ޑޮލަރަށްވުރެ މައްޗަށް ޓާމިނަލްގެ އަގު ޖައްސައިފި. މި ތަފާތު މިއީ އެމީހުން ކާލާފައި ހުރި ލާރި" ރައީސް ޔާމީން ވިދާޅުވިއެވެ.