މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ރެކޯޑުތަކުން ދައްކާ ގޮތުގައި ޖުމްލަ 203,891,026 ރުފިޔާގެ ގެއްލުން ވެފައިވާކަން ހާމަވެއްޖެއެވެ.
ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ އިސްލާޙީ ފިޔަވަޅުތަކެއް އަޅައި، ހިންގުން ހަރުދަނާކޮށް، ރަނގަޅު މިސްރާބަކަށް ދަތުރުކުރަން ފަށާފައެވެ.
ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި، ތަކުރާރުވާ ޚަރަދުތައް %10 އަށް ދަށްކުރުމާއި، ޕީއާރު އޭޖެންސީތަކުގެ އަދަދު 21 އޭޖެންސީއިން ހަ އޭޖެންސީ އަށް މަދުކުރުން ހިމެނެއެވެ. މީގެ އިތުރުން، ޓްރޭޑް ޝޯތަކާއި އެގްޒިބިޝަންތަކަށް ކުރާ ޚަރަދު %80 އިން %34 އަށް ދަށްކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ފާއިތުވި ހަތަރު އަހަރުގެ މާލީ ރެކޯޑް
2020: -1,624,866 ރ
2021: -141,977,908 ރ
2022: -42,290,590 ރ
2023: -17,997,662 ރ
މިވަގުތު އެމްއެމްޕީއާރުސީން ވަނީ 21 އަށްވުރެ ގިނަ ގްލޯބަލް ކެމްޕެއިން ހިންގަމުންނެވެ. އަދި ބައިނަލްއަޤްވާމީ ޓުއަރ އޮޕަރޭޓަރުންނާއި އެއަރލައިންތަކާއެކު ޑޮލަރު-ޓު-ޑޮލަރު ކޯ-އިންވެސްޓްމަންޓް ކެމްޕެއިންތައް ކުރިއަށް ގެންދެއެވެ. ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ 10 މާކެޓުން ދައްކަނީ އަހަރުން އަހަރަށް ކުރިއަރަމުންދާ މަންޒަރެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެކަމުގެ ސަބަބުން 4.7 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ. މި ކުރިއެރުންތަކާއެކު، 2025 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގެ މަގުމަތީގައި އެމްއެމްޕީއާރުސީ މިވަނީއެވެ.
ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ލިވަރޕޫލް އެފްސީއާ ގުޅިގެން ތާރީޚީ ގްލޯބަލް ކެމްޕޭނެއް ފެށުމަށް ރޭވިފައިވާކަން އެމްއެމްޕީއާރުސީން ހާމަކޮށްފައިވެއެވެ. އަދި ގްލޯބަލް އެމްބެސެޑަރ ޕްރޮގްރާމް ފުޅާކޮށް، އިތުރު މާކެޓިންގ މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.