އެސްޓީއޯއިން ފިޔާ ގެނެސް 15 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށައިފި

ނާއިފް ހަލީމް
 
12 މަސް ކުރިން

ފިޔާ ލިބުން ދަތިވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ)އިން ގެންނަން ބުނި ފިޔާ ސްޓޯކް ބާޒާރަށް ނެރެ، މިއަދު ވިއްކަން ފަށައިފިއެވެ.

މިދިޔަ މަހުގެ 29ގައި މާލޭގެ ބޮޑެތި ބާޒާރުތަކުން ފިޔާ ހުސްވީ، މިނިވަން ދުވަހުގެ ބަންދާ ގުޅިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މުދާ ކްލިއާ ކުރުން ލަސްވުމުންނެވެ. އެއާއެކު ފިޔާ ލިބެން ހުރި ކުދި ފިހާރަތަކުން އެކަންޏެވެ.

އެކަމުގެ ސަބަބުން ފިޔާ ވިއްކާ އަގުތައް ވެސް ވަރަށް ބޮޑަށް މައްޗަށް ދިޔައެވެ.

އެކަން ހައްލުކުރަން އެސްޓީއޯއިން، އިންޑިއާއިން ފިޔާ ޝިޕްމަންޓެއް ގެންނަކަން އިއުލާނުކުރީ އެ ދުވަހުގެ ރެއެވެ.

މިއަދު އެސްޓީއޯއިން ބުނީ ފިޔާ ޝިޕްމަންޓް ބާޒާރަށް ވިއްކަން ނެރެފައިވާ ކަމަށެވެ. އަދި އެ ޝިޕްމަންޓަކީ މޫސުމީ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ ފިޔާ ސަޕްލައިއަށް ދިމާވި ދަތިތަކަކާ ގުޅިގެން ރާއްޖޭގެ ބާޒާރުގައި ފިޔާ ލިބުމަށް ދަތިވުމުގެ ސަބަބުން 'މާކެޓް ސްޓޭބަލައިޒް' ކުރުމަށް ގެނައި ޝިޕްމަންޓެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިހާރު ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސުން ފިޔާ ކިލޯއެއް މިވަގުތު ލިބެން ހުރީ 15 ރުފިޔާއަށް ކަމަށާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން ހޯލްސޭލްކޮށްވެސް މިވަގުތު ފިޔާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.