ދީނުގެ ކަންކަން ރަނގަޅަށް ނޭނގޭ މީހުންގެ ގާތުން އިލްމު ހޯދަން ފެށުމަކީ ގިޔާމާތުގެ އަލާމާތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "މުސްލިމަކު ކާފިރުކުރުމުގެ ނުބައިކަން"، މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ކާފިރުކުރުމަކީ މުސްލިމަކު ނުވަތަ މުސްލިމު ޖަމާއަތެއް ކުފުރަށް ނިސްބަތްކުރުން ކަމަށެވެ. އަދި، އެއީ އެ މީހުންގެ ފުރާނައާއި މުދާ ހިފުން ހުއްދަކުރުން ނަމަވެސް އެއީ އެހާ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ.
ސަބަބަކީ އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފު ލިބުމަށް ފަހު، އޭނާ އެ ދާއިރާއިން ބޭރުކުރުމަކީ ވަރުގަދަ ހުއްޖަތާއި، ސާބިތު ހެއްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލުތަކެއް ނެތި ކުރުން ހަރާމް ކަމެއް ކަމަށް ވުމެވެ.
މުސްލިމުން ކާފިރުކުރުމުގެ މައްސަލަ ފެށިފައިވަނީ ހިޖުރައިން ފުރަތަމަ ގަރުނުގައި ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، ޝަރުއީ ނައްސުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާ ދިމާލަށް ބަދު ބަސް ބުނުމާއި ގަޒުފްކުރުމަކީ ހަރާމްކަންތައްތައް ކަމުގައި ވީއިރު، ހީއެއް ނުވަތަ އަމިއްލަ ވިސްނުމުގެ މައްޗަށް ބިނާކޮށް މުސްލިމަކު ކާފަރުކުރުން ހުއްދައެއް ނުވާނެ ކަމަށެވެ.