މުސީބާތްތަކުން ސަލާމަތްވެވޭނީ، އީމާންކަމާއި އިސްލާމްކަމުން ކަމަށާއި އާހިރަތުގައި ނަސްރާއި ނަސީބު ލިބުމުގެ މަގަކީ އެއީ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
އާޝޫރާ ދުވަހުގެ މާތްކަމާ ބެހޭގޮތުން މިއަދު ދިން ހުކުރު ހުތުބާގައި ބުނީ މުހައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ އާޝޫރާ ދުވަހަކީ، ހެޔޮކަމާއި ޒިކުރާތަކާއި ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ.
އާޝޫރާ ދުވަހަކީ، ފިރުއައުނުގެ ކިބައިން، مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުއައުނާއި، އޭނާގެ ލަޝްކަރު، މާތްﷲ ގަރަގުކުރެއްވި ދުވަސްކަން ފާހަގަކޮށް ހުތުބާގައި ބުނީ މިފަދަ ހާދިސާތަކުގައި، ގިނަގުނަ އިބުރަތްތަކާއި ދަރުސްތައްވާ ކަމަށެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުސީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށް ހުތުބާގައި ބުންޏެވެ.
މާތް ﷲއަށް އިތުބާރުކޮށް، އެކަލާނގެ ހަޒުރަތަށް ރުޖޫއަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއްނެތް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ފިރުއައުނު ގަރަގުކުރެއްވި ހާދިސާއިން އެނގެނީ، މާތް اللهއަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ އަޒާބުން އަޒާބުދެއްވައި، ނެތިކުރައްވާނެކަން ކަމަށެވެ. އަދި އެމީހުންނަށް އެ ކަމުގައި ކާމިޔާބެއް ނުލިބޭނޭކަމަށާއި، އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
މީގެ އިތުރުން، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި، ޝަރަފާއި، ގަދަރު ދެއްވާނެ ކަމަށް ހުތުބާގައި ބުންޏެވެ.
އާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް ފުއްސަވައިދެއްވާނެ އަމަލެއްކަމުގައި ފާހަގަކޮށް ހުތުބާގައި ބުނީ އެދުވަހު ރޯދަހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "އާޝޫރާ ދުއަާ"ގެ ނަމުގައި ވަކި ދުއާއެއްކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުއުކުރައްވައިފައެއް ނެތް ކަމަށެވެ.