ޖުވާ ކުޅޭ ތަނެއް --

ޖުވާގެ ފައިސާއިން ހަށިގަނޑުގައި ޖަހާ މަހާއި ލެޔަށް ހައްގީ ނަރަކަ: ޚުތުބާ

ނާއިފް ހަލީމް
 
1 މަސް ކުރިން

ޖުވާ ކުޅެގެން ހޯދާ ފައިސާއިން ކައިގެން، ހަށިގަނޑުގައި ޖަހާ މަހާއި އުފެދޭ ލެއަށް ހައްގުކަން ބޮޑީ ނަރަކަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ 'ޖުވާއާއި އޭގެ އާމްދަނީ ހަރާމް"، މި މައުޟޫއުގެ މައްޗަށެވެ. އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކާއި ވެބްސައިޓްތައް މެދުވެރިކޮށް މިނުބައި މަޅީގައި އެތައް ދިވެހީންނެއް މިހާރު ވަނީ ޖެހިފައެވެ.

ޖުވާއަކީ ފައިސާ ބަހައްޓައިގެން ބަޔަކު މީހުންގެ މެދުގައި ކުޅެ، މޮޅުވާ މީހާއަށް ނުވަތަ ޓީމަށް އެ އެންމެން ބެހެއްޓި ފައިސާ ނުވަތަ އެއިން ބައެއް ލިބޭ ގޮތަށް ކުޅޭ ކޮންމެ ކުޅިވަރެކެވެ. މިއީ އިސްލާމް ދީނުގައި ހަރާމްކަމެކެވެ.

ޖުވާ ކުޅުމުގައި ފައިސާ ބަހައްޓައިގެން ކުޅޭ ކުޅިވަރުތަކުގައި، ބަލިވާ މީހާ، މޮޅުވާ މީހާއަށް އޭނާ ބެހެއްޓި ފައިސާ ދޭން ޖެހެއެވެ. ބައެއްފަހަރު، މޮޅުވި މީހާ، އެ ކަމަށް ކުރި ހުރިހައި ޚަރަދެއް ދޭން ޖެހެއެވެ. އެންމެ ފަހުން ބަލިވީ މީހާ ދަރަނިވެރިވެ، ބަނގުރޫޓުވެއެވެ.

ޚުތުބާގައި ބުނީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ހުއްދަކުރެއްވީ ހަލާލު ރަނގަޅު ތަކެއްޗާއި އެފަދަ އަމަލުތައް ކަމަށެވެ. އަދި ނުބައި އެއްވެސް އެއްޗެއް އަދި އެއްވެސް އަމަލެއް އެކަލާނގެ ހުއްދަ ނުކުރައްވާ ކަމަށް ޚުތުބާގައި ބުންޏެވެ. އާމްދަނީ ހޯދުމަށްޓަކައި އިސްލާމީ ޝަރީއަތް ހުއްދަކުރަނީ ކެހިވެރިކަމެއް، މަކަރުވެރިކަމެއް، އޮޅުވައިލުމެއް ނެތް އަދި ވަކި ފަރާތަކަށް ގެއްލުމެއް ނުލިބޭ، ހާމަކަން ބޮޑު ސާފު މުއާމަލާތުތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އިސްލާމް ދީނުގައި ޖުވާ ހަރާމްކުރެއްވީ އެ ކަމަކީ ފާފަވެރިވާ، ގެއްލުން ހުރި، މުޑުދާރު އަމަލަކަށް ވާތީ ކަމަށް ޚުތުބާގައި ބުންޏެވެ.