ރިބާގެ ނުރައްކާތެރިކަމާއި ގެއްލުން ހަނދާންކޮށްދީ، ރިބާ ހިމެނޭ މުއާމަލާތްތަކުން ދުރުވާން ހުކުރު ޚުތުބާގައި ގޮވައިލައިފިއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުތުބާގައި ބުނީ، އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ މާލީ ކަންކަމުން ސަލާމަތްވާން ޖެހޭނެ ކަމަށެވެ. އެގޮތުން، ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި ތަކާފުލް ކުންފުނިތަކާއި މުއައްސަސާތައް ނުހިންގޭނެ ކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެފައިވާކަން ޚުތުބާގައި ފާހަގަކުރިއެވެ.
މިއަދު އިސްލާމީ ޝަރީއަތާ އެއްގޮތަށް މާލީ މުއާމަލާތް ހިންގޭނެ މަގު ތަނަވަސްވެފައިވާއިރު، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފައިސާގެ މުއާމަލާތްތައް ކުރުމަކީ ދެ ދުނިޔޭގެ ކާމިޔާބާއި ފަލާހު ލިބޭ ކަމެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
އޭގެއިތުރަށް، ޚުތުބާގައި ވަނީ ރިބާގެ ނުބައި ކަމާއި އެ ވަބާގައި ނުޖެހުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން، ރިބާ ކާމީހާއާއި އެކަމުގައި ޝާމިލުވާ އެހެން މީހުންގެ ވެސް ފާފަވެރިވާނެ ކަމަށާއި އެ ވަބާގައި ޖެހޭ އެންމެނަށް މާތް ﷲ ލައުނަތް ލައްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
"އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَعَنَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ آكِلَ الرِّبَا، وَمُوْكِلَهُ، وَشَاهِدَهُ وَكَاتِبَهُ)1 މާނައީ: "ރިބާ ކާމީހާއާއި، ރިބާގެ ގޮތުގައި ފައިސާއާއި މުދާ ދޫކުރާ މީހާއާއި، އެ މުޢާމަލާތުގައި ހެކިވާ މީހާއާއި، އެ ކަމުގެ ލިޔެކިޔުންތައް ލިޔެ، ބަލަހައްޓާ މީހާގެ މައްޗަށް ރަސޫލު ﷲ ލަޢުނަތް ލެއްވިއެވެ. ރިބާއަކީ، މުދަލުގެ ބަރަކާތް ކެނޑި، ދިރިއުޅުން ނުތަނަވަސްވެ، ލިބޭ މިންވަރާ މެދު ހިތްހަމަނުޖެހި، މުދަލާއި ފައިސާއަށް އިންސާނާގެ ދަހިވެތިކަން މަތިމައްޗަށް އިތުރުކުރުވާ ނުރައްކާތެރި ވަބާއެކެވެ." ޚުތުބާގައި ބުންޏެވެ.
ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހެދުމަށް ޚުތުބާގައި ގޮވާލިއެވެ. އަންނައުނާއި އަނބިދަރިންގެ ކެއުމާއި ބޯހިޔާވަހިކަމަކީ ރިބާގެ މުއާމަލާތްތަކުން ހޯދާ ފައިސާ ފޯރުކޮށްދޭ އެއްޗަކަށް ނުހަދަން ޚުތުބާގައި ހަނދާންކޮށްދިނެވެ.