ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓުގެ މަސައްކަތާއި ކޮލެޓީއާމެދު ހިތްހަމަޖެހޭކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފްލެޓުގެ މަޝްރޫޢުގެ މަސައްކަތް ދަނީ 32 ޓަވަރަކަށް ބަހާލައިގެން ކުރިއަށެވެ. މީގެ ތެރެއިން 16 ޓަވަރެއް (އަމާން އުދަރެސް) އިމާރާތްކުރަނީ ކޭ.ޕީ.އައި.އެލްއިން އަދި އަނެއް 16 ޓަވަރު (އަމާން ދޯދި) އިމާރާތްކުރަނީ އެން.ބީ.ސީ.ސީއިންނެވެ. މި ފްލެޓަކުގެ ސްޓްރަކްޗަރަލް އަދި ފިނިޝިންގގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ
މީގެ އިތުރަށް ވަޒީރު ވިދާޅުވީ ސަރުކާރު ޙަވާލުވިއިރު މަޝްރޫޢުގެ %33 މަސައްކަތް ނިމިފައިވާއިރު، މިހާރު އަމާން ދޯދީގެ 96% އަދި އަމާން އުދަރެސްގެ %95 މަސައްކަތް ވަނީ ނިމިފައެވެ. ބާކީ އޮތީ ހަމައެކަނި ޔޫޓިލިޓީ ޚިދުމަތްތަކުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތެވެ.
ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ޔޫޓިލިޓީ ކަނެކްޝަންތައް ގުޅައިދީ ނިމޭ މިންވަރަކުން ފްލެޓްތައް ޙަވާލުކުރެވޭނެއެވެ. މިގޮތުން، ސެޕްޓެމްބަރުގެ ނިޔަލަށް ހުރިހާ ފްލެޓެއް ޙަވާލުކޮށް، އެތަންތަނުގައި މީހުންނަށް ދިރިއުޅެވޭ ހާލަތަށް ގެނެވޭނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.