ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާ "ދަ ގާޑަން" އެޕާޓްމަންޓްތައް. / ފޮޓޯ: ސަން

ޖާހުގެ އެޕާޓްމަންޓުތައް ނިންމަން އާރުސީސީއާ ހަވާލުކޮށްފި

މަރިޔަމް ސަމްހާ
 
1 މަސް ކުރިން

ޖާހު އިންވެސްޓްމަންޓު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ އެޕާޓްމަންޓުތަކުގެ ބާކީ މަސައްކަތްތައް ނިންމުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާ "ދަ ގާޑަން" މަޝްރޫއުގެ މަސައްކަތް އެޗްޑީސީން 20 މިލިއަން ރުފިޔާ އަށް އާރުސީސީއާ ހަވާލުކުރީ އިއްޔެއެވެ.

އާރުސީސީގެ އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށާއި އެ އިމާރާތުގެ އެކި ބައިތައް ހުރީ އެކި ވަރަށް ނިމިފައި ކަމަށެވެ.

2017 ވަނަ އަހަރު އެ އެޕާޓްމަންޓްތަކުގެ މަސައްކަތް ފެށީ ދެ އަހަރު ތެރޭގައި ނިންމަން ނަމަވެސް 8 އަހަރު ވެގެން ދިޔައިރުވެސް މަސައްކަތް ނިމިފައެއް ނުވެއެވެ. އެކަމާ ގުޅިގެން އެތަނުން އެޕާޓްމަންޓް ގަތް މީހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެ މައްސަލަ ބެލުމަށް ފަހު، ފްލެޓުތައް ނިންމުމަށާއި ބިމުގެ އަގު ދެއްކުމަށް އެޗްޑީސީން ޖާހު އިންވެސްޓްމަންޓަށް 30 ދުވަހުގެ ނޯޓިސްއެއް މީގެ ދެ އަހަރު ކުރިން ފޮނުވި ނަމަވެސް އެ ނޯޓިސް ހަމަވިއިރު އެއްވެސް ކަމެއް ނުވެ އެވެ.

އޭގެ ފަހުން އެޕާޓްމަންޓުތައް ނިންމަން 45 ދުވަހުގެ މުއްދަތެއް ދީގެންވެސް އެ މުއްދަތުގައި އެ މަސައްކަތްތައް ނުނިމުމުން އެޗްޑީސީން ވަނީ އެންމެ ފަހުން އެއްބަސްވުން ބާތިލުކޮށްފައެވެ. 

އެ ބިމާ އެޗްޑީސީން ހަވާލުވުން ހުއްޓުވައި ދިނުމަށް އެދި ޖާހުން ކޯޓަށް ވެސް ނަމަވެސް، ކޯޓުން ނިންމީ އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށެވެ.

2023 ގެ އޮކްޓޯބަރުގައި އެޗްޑީސީން ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތައް ކަމަށް އެޗްޑީސީން އޭރު ބުނެފައިވެއެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެއެވެ.

ޖާހުގެ "ދަ ގާޑަން" އިމާރާތުގައި 2+1 އާއި 3 އަދި 3+1 ގެ ޖުމްލަ 83 އެޕާޓްމަންޓް ހުންނައިރު އޭގެ ގިނަ ތަންތަން ވަނީ ވިކި ހުސްވެފަ އެވެ.