"މަނަސްހަބް" ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށީގައި ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ މަރުކަޒު 'މަނަސްހަބް' ހުޅުވައިފި

މުހައްމަދު ހަމީޒް
 
20 ގަޑިއިރު ކުރިން

ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށާއި، އެކަމާ ގުޅިފައިވާ ނޭދެވޭ ތަޞައްވުރުތައް ނައްތާލައި، އަވަސް ފަރުވާއާއި އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަޤްޞަދުގައި، ކުޅުދުއްފުށި ސިޓީ ކައުންސިލުން އިސްނަގައިގެން ޤާއިމުކުރި "މަނަސްހަބް" ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު ޢާޠިފް އަދި ޚާއްޞަ މެހެމާނު، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އެވެ.


މި ރަސްމިއްޔާތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާރްޖޭ ޑި އެފެއާޒް ކޮންޑޯ ޝުންސުކޭ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަރުކަޒު ހުޅުވުމަކީ ކުޅުދުއްފުށި ސިޓީގައި މުޖުތަމަޢާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ހަރުދަނާކޮށް، އެންމެންނަށް ބައިވެރިވެވޭ އަދި އެހީތެރިކަން ލިބޭ ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.