އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ކުރަމުންދާ ހަނގުރާމަ ތިން ދުވަހުގެ މުއްދަތަކަށް މެދުކަނޑާލުމަށް (ސީޒްފަޔަރ) އެއްބަސްވެފައިވާކަން އިޢުލާން ކުރައްވައިފިއެވެ. މި އެއްބަސްވުމުގެ ދަށުން މި ހިނގާ މެއި މަހުގެ 9، 10 އަދި 11 ވަނަ ދުވަހު ހަނގުރާމައިގެ އެއްވެސް ހަރަކާތެއް ނުހިނގާނެއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމަ ތިން ދުވަހަށް މެދުކަނޑާލުމަށް ނިންމިކަން އިޢުލާން ކުރަން އަޅުގަނޑު އުފާކުރަން" ކަމަށެވެ. މި ނިންމުމަށްފަހު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވެސް ވަނީ އެމެރިކާގެ މެދުވެރިވުމާއެކު މި އެއްބަސްވުމަށް އާދެވިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.
ރަޝިއާގެ ރިޔާސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމަކީ ރައީސް ލަޑީމިއަރ ޕޫޓިން އާއި ޓްރަމްޕް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށްފަހު އެކުލަވާލެވުނު އެއްބަސްވުމެކެވެ. މި މަޝްވަރާތަކުގައި ދެވަނަ ބޮޑު ހަނގުރާމައިގައި ދެ ގައުމަކީ އެކުވެރިންކަން ފާހަގަކޮށް، ރަޝިއާގެ 'ވިކްޓްރީ ޑޭ' ފާހަގަކުރުމަށް ހަނގުރާމަ މެދުކަނޑާލުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ހަނގުރާމައިގެ ހަރަކާތްތައް ހުއްޓާލުމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި 1،000 އަސީރުން ބަދަލުކުރުމަށް ވެސް ވަނީ ނިންމާފައެވެ. ޓްރަމްޕް ވިދާޅުވީ "މިއީ ވަރަށް ދިގުލައިގޮސްފައިވާ، ނުރައްކާތެރި ހަނގުރާމައެއް ނިމުމަކަށް އައުމުގެ ފެށުން ކަމަށް އުއްމީދު ކުރަން" ކަމަށެވެ. އަދި ހަނގުރާމަ އެއްކޮށް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކޮންމެ ދުވަހަކު ވެސް އެކަމާ ގާތްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަނގުރާމަ ހުއްޓާލުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގެ މުހިންމު ވައުދެކެވެ. ނަމަވެސް، ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމަ ހުއްޓާލުމަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޚާއްޞަކޮށް ޔޫކްރެއިންގެ އިރުމަތީ ޑޮނެޓްސްކް ސަރަހައްދުގެ މިލްކުވެރިކަމާ މެދު ދެ ގައުމުގެ ދެމެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. ރަޝިއާއިން ބައެއް ސަރަހައްދުތަކުން ޔޫކްރެއިން ސިފައިން ފޭބުމަށް އެދެމުންދާއިރު، ޔޫކްރެއިންއިން ބުނަމުންދަނީ އެ ގައުމުގެ އެއްވެސް ބިމެއް ދޫނުކުރާނެ ކަމަށެވެ.