އއ. މާޅޮސް އިން ކުޑަކުއްޖަކާ ބެހުނު މައްސަލައެއް، ފުލުހުން ގެ އަޅާލުމެއް ނެތް ކަމުގެ ޝަކުވާ

މުހައްމަދު ހަމީޒް
 
21 ގަޑިއިރު ކުރިން

އއ. މާޅޮހުގައި ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ ފިރިހެނެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ވެސް އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާ ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން މާޅޮހުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އަލީ ޔާސިރު ކިޔާ މީހެއްގެ މައްސަލަ ފުލުހުންނަށް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށެވެ. ނަމަވެސް، މިހާތަނަށް މިކަމާ ގުޅިގެން ފުލުހުންގެ ފަރާތުން އެއްވެސް އަމަލީ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް މައުލޫމާތު ދިން މީހާ އިތުރަށް ބުނީ، މާޅޮހުގައި ފުލުހުންގެ އިދާރާއެއް ގާއިމްވެފައި ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. "އެ ރަށުގައި ފުލުހުންގެ އިދާރާއެއް ނެތުމުން ފުލުހުންނަށް ކޮންމެ ދުވަހަކު މި މައްސަލައިގެ މައުލޫމާތު ހޯދުމަށް ގުޅަމުން އަންނަނީ،" އޭނާ ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް 2026 އެޕްރީލް 27 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

އަދި މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ތަހުގީގު ކުރަމުންދާއިރު، އަނިޔާ ލިބުނު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ދަނީ ކުރެވެމުންކަމަށެެވެ.

މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައެއްނުވެއެވެ.