މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ޑރ. ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލައެއް ފުލުހަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަމަވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މި ތުހުމަތުތައް ފެންމަތިވުމާ ގުޅިގެން ޑރ. ސަނީ އުމަރު ރާއްޖެ ދޫކޮށް ފުރާފައިވާކަމަށް ވަނީ އަޑުފެތުރިފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ އިއްޔެ ފުރައިގެން ދިޔައީ އިންޑިއާގެ ނިއު ދިއްލީއަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެފަދަ މައްސަލައެއް ފުލުހުންނަށް ރަސްމީކޮށް ހުށަހަޅާފައި ނުވީ ނަމަވެސް، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް މިހާރު ބަލަމުން އަންނަ ކަމަށެވެ.
ޑރ. ސަނީ އުމަރުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެވެ. މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ތިން ކުދިންގެ ތެރޭގައި ހިމެނެނީ އަންހެން ދެ ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
ތަފްސީލުތައް ދައްކާ ގޮތުން، ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކުދިންގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިންނެވެ. އަދި އަނެއް އަންހެން ކުއްޖާއަށް ވެސް ޖިންސީ ގޯނާ ކުރެވުނު އިރު އެ ކުއްޖާގެ އުމުރުން 18 އަހަރު ނުވާ ކަމަށްވެ އެވެ. މިހާރު މި މައްސަލަ ފުލުހުންގެ ބެލުމުގެ ދަށުގައިވާ އިރު، ހަގީގަތް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.