ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޓިކެޓު ސޮޑާއަށް

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހިތަދޫ އުތުރު ދާއިރާއަށް ވާދަކުރައްވާނެ ކެންޑިޑޭޓަކަށް އަހުމަދު ސައީދު (ސޮޑާ) ހަމަޖައްސައިފިއެވެ.

ސޮޑާއަށް މި ފުރުޞަތު ލިބިފައިވަނީ އެ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ސިނާން، މިވަގުތު އިންތިޚާބުގައި ވާދަކުރެވެން ނެތުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ސޮޑާ ވަނީ ޕީއެންސީގެ ލީޑަރަށާއި ޕާޓީގެ ލީޑަރޝިޕުން އޭނާއަށް ކުރެއްވި އިތުބާރަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

ސޮޑާ ވިދާޅުވީ، ޕާޓީގެ ލީޑަރޝިޕުން ދެއްވި މި ފުރުޞަތަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށްޓަކައި ދާއިރާގެ ރައްޔިތުންނާ ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަ ދެއްވާނެ ޔަޤީންކަމަކީ، ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނާ ގުޅިގެން މި ކާމިޔާބުކުރުމަށް އަޅުގަނޑު ވަރަށް ބުރަކޮށް މަސައްކަތްކުރާނެ ވާހަކަ. އަދި ހިތަދޫ އުތުރު ދާއިރާގެ ތަރައްޤީއަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް މިއަދު މި ޕާޓީއާ ގުޅިގެން ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން،" ސޮޑާ ވިދާޅުވިއެވެ.

މީގެ އިތުރުން ސޮޑާ ވިދާޅުވީ އޭނާ އަބަދުވެސް ވަކާލާތު ކުރައްވާނީ އައްޑޫ ސިޓީއާއި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ. އަދި ދާއިރާގެ ތަރައްޤީއަށްޓަކައި ސަރުކާރު ހިންގާ ޕާޓީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.