އިކޮނޮމިކް މިނިސްޓްރީގައި ބޭއްވުނު "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމު

ރާއްޖެއާއި އިންޑިއާއިން ވިޔަފާރި ކައުންސިލެއް އުފައްދަނީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް "މޯލްޑިވްސް-އިންޑިއާ ބިޒްނަސް ކައުންސިލް" އުފެއްދުމަށް މިއަދު ނިންމައިފި އެވެ. 

މި ނިންމުން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި "މޯލްޑިވްސް-އިންޑިއާ ބިޒްނަސް އެންގޭޖްމަންޓް ސީރީޒް" ބައްދަލުވުމުގަ އެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދާއި، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބަލަސުބްރަމާނިއަންގެ އިތުރުން ދެ ގައުމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައި ވާކަމަށް މިނިސްޓްރީން ހާމަކުރެ އެވެ.

މިކަމުގެ އިތުރު މައުލޫމާތު ހިއްސާކޮށް އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ގުޅުންތައް ވަރުގަދަކޮށް، ހަރުދަނާ އިގްތިސާދީ އޮނިގަނޑެއް ބިނާކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ވިޔަފާރިވެރިންނަށް ފަހިވެފައިވާ ވިޔަފާރީގެ ފުރުސަތުތަކާއި އަދި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ. 

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓުގެ ފުރުސަތުތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން ނެވެ.