މާލޭގެ އިއްޒުއްދީން މަގުގައި ހުންނަ ގުދަނެއްގައި މިރޭ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި މި ގުދަނުގައި ރޯވި އަލިފާން ނިއްވުމަށް ފަޔާ އެންޑް ރެސްކިއު ސާވިސްއިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާންގަނޑު ވަނީ ކޮންޓްރޯލް ވެސް ކޮށްފައެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ ގާތްގަނޑަކަށް 21:30 އެހާކަންހާއިރު ކަމަށް މަންޒަރު ދުށް ފަރާތްތަކުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ލިބުނު ގެއްލުންތަކުގެ ތަފުސީލު އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ 'ޕްރައިމް ފާޓިލައިޒާ' ގެ ގުދަނެއްގައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، މ. ކައިރުގޭގައި ހުންނަ މި ގުދަނަކީ ގަސްކާނާއާއި އެކި ބާވަތުގެ ކެމިކަލް ރައްކާކޮށްފައި ހުރި ތަނެކެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް މިހާރު ދަނީ މި ހާދިސާއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި ބައިވެރިވަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން މިހާރު އަންނަނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރަމުންނެވެ.