ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހިކުލައި ހުންނަން ޖެހޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލާއެކު، އެފަދަ ވެހިކަލްތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް އިއްޔެއިން ފެށިގެން 60 ދުވަހުގެ މުއްދަތެއް ޓްރާންސްޕޯޓް މިނިސްޓްރީން ދީފިއެވެ.
މިއީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނައި ހަތް ވަނަ އިސްލާހުގެ ދަށުން އިއްޔެ އަމަލުކުރަން ފެށި ބަދަލެކެވެ.
އެގޮތުން މިހާރު ރަޖިސްޓްރީ ކޮށްފައިވާ އިލެކްޓްރިކް ވެހިކަލްތަކުގެ ނަންބަރު ބޯޑު ފެހިކުލައަށް ބަދަލުކުރުމަށް، އެ އިސްލާހަށް އަމަލުކުރަން ފެށި ތާރީހުން ފެށިގެން 60 ދުވަހުގެ އިތުރު މުއްދަތެއް މިނިސްޓްރީން ވަނީ ދީފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނި ގޮތުގައި މިއީ، އެހެން އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެ ގޮތް ހެދުމަށް ގެނެސްފައިވާ ބަދަލެކެވެ.
އަދި މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.