އެކްސިޑެންޓުވި އުޅަނދު --

އެމްއޭސީއެލްގެ އުޅަނދެއް ފުރޮޅާލައި، ދެ މީހަކަށް އަނިޔާވެއްޖެ

ނާއިފް ހަލީމް
 
8 ގަޑިއިރު ކުރިން

ހުޅުމާލޭން އެއާޕޯޓަށް ދުއްވާފައި ދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އުޅަނދެއް، ބުރިޖު ފެންސުގައި ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ފަރުވާދޭން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ހުދު ކުލައިގެ ކުޑަ ޕިކަޕެއް ފުރޮޅާލާފައި އޮތް މަންޒަރެވެ.

ފުލުހުން ބުނީ، އެކްސިޑެންޓު ހިނގީ މާލެ-ހުޅުމާލެ ހައިވޭގައި ދަތުރުކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސުގައި ޖެހިގެން ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް، ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެ އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާވި ކަމަށާއި، އިތުރު ފަރުވާއަށް ދެ މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.

ފުލުހުން މިހާތަނަށް އާންމުކުރި މިއަހަރުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ޖުމުލަ 2،493 މައްސަލައެއް ފުލުހަށް ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން ހުށަހަޅައިފައިވަނީ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެގޮތުން އެކްސިޑެންޓުގެ 683 މައްސަލައެއް މިއަހަރު ހުށަހަޅައިފައިވެއެވެ.