ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނަށް ގެންނަން އުޅޭ ބަދަލަކީ ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން ރައްޔިތުން ހޯދާފައިވާ ކުރިއެރުންތައް ފަހަތަށް ޖައްސާލައި، ހަމައެކަނި ވެރިކަން ދިފާއުކުރުމަށް ކުރާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރު މި ނެގޭ ދެ އިންތިޚާބު އެއްކުރާ ވޯޓުގެ އަސްލު ބޭނުމަކީ ރައްޔިތުންގެ އަތުގައި އޮތް ބާރުތައް ހަނިކުރުމެވެ.
"މިދިޔަ 18 ވަރަކަށް އަހަރު އަޅުގަނޑުމެންނަށް މި ހޯދުނު ހުރިހާ ކުރިއެރުމެއް ފަހަތަށް ސޮއްސާލާފައި، އަނެއްކާވެސް ބޭނުމަކަށް މިވަނީ ވެރިކަން ދިފާއުކުރުން،" ފައިސަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފައިސަލް ވިދާޅުވީ، މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އަމަލުކުރަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން މުޅި ގައުމަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެތީ، އެކަމާ ދެކޮޅަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މިފަދަ ބަދަލެއް ގެންނަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް އެއްކުރުމުގެ ވާހަކަ ދެކެވެމުންދާ ވަގުތެއްގައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ސިޔާސީ ނުފޫޒު ގަދަކުރުމަށް ކުރާ މަސައްކަތެކެވެ.