ކުރިން ތެޔޮ ވިއްކި ރޭޓްގައި މިފްކޯއިން މަސްވެރިންނަށް ތެޔޮ ދޫކުރަން ނިންމައިފި

ނާއިފް ހަލީމް
 
4 ގަޑިއިރު ކުރިން

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ކުރިން އޮތް މިންވަރަށް އިޔާދަކޮށްފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ވިއްކާ ޑީސަލްގެ އަގަށް އިއްޔެ ގެނައި ބަދަލާއެކު ތެލުގެ އަގު އުފުލިގެން ދިއުމާ ގުޅިގެން، މަސްވެރިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް، މަސްވެރިންގެ ޝަކުވާތަކާ ގުޅިގެން މިފްކޯއިން މިހާރު ވަނީ މަސްވެރިންނަށް ކުރިންވެސް ތެޔޮ ވިއްކަމުން އައި ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ނިންމާފައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި، "ފަހި ހަކަތަ" ޕްރޮގްރާމްގެ ދަށުން ސަރުކާރުން ދޭ ސަބްސިޑީގެ އެހީގައި، މަސްވެރި އުޅަނދުފަހަރަށް ކުރީގެ ރޭޓުން ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ނިންމުމާއެކު، މިފްކޯއަށް މަސްކިރުވާ އުޅަނދުތަކަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާއަށް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ ގިނައިން މަސްކިރުވާ ދޯނިތަކަށް ލީޓަރެއް 16.04 ރުފިޔާގެ ރޭޓުން ތެޔޮ ގަންނަން ލިބޭނެއެވެ. އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާނީ 17.54 ރުފިޔާއަށެވެ.

މިފްކޯއިން އިއްޔެ އެންމެ ފުރަތަމަ ނިންމާފައި އޮތީ މަސްވެރިންނަށް ޑީސަލް ލީޓަރެއް 27.24 ރުފިޔާއަށް އަދި އާންމުންނަށް 28.54 ރުފިޔާއަށް ވިއްކުމަށެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުން ދިޔަ ނަމަވެސް، ރާއްޖޭގެ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެލުގެ އަގު ބޮޑުވުމުގެ ތަކުލީފު ކުޑަކުރުމަށްޓަކައި ސަރުކާރުން ދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.