މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ލިބޭ އާމްދަނީއަށް ނޭދެވޭ އަސަރުކުރަން ފެށުމުން، ދުނިޔޭގެ އެންމެ ފުޅާދާއިރާއެއްގައި ސީޕްލޭންގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމައިފިއެވެ.
މިއަދުން ފެށިގެން އަމަލުކުރަން ފަށާ މި ނިންމުމުގެ ދަށުން، އެކި ފަންތީގެ މުވައްޒަފުންގެ މުސާރައިން އުނިކުރާނީ ތަފާތު މިންވަރުތަކަށެވެ. ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ދެމިއޮންނާނީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ނިޔަލަށެވެ. އެހެންނަމަވެސް، ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުވުމުން އަލުން މުސާރަ ބޮޑުކޮށްދޭނެކަމުގެ ޔަގީންކަން މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް ދީފައެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް
މުސާރަ ކުޑަކުރުމުގެ ކުރިންވެސް، ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނި ހިންގުމުގައި ކުރާ ބައެއް ހަރަދުތައް ޓީއެމްއޭއިން ވަނީ މަދުކޮށްފައެވެ. މިއީ ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ކުންފުނީގެ ހިންގުން ދެމެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20 އިންސައްތަ ދަށްވެފައިވާއިރު، އޭޕްރީލް މަހު ވަނީ 26 އިންސައްތަ ދަށްވެފައެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ފަސް އިންސައްތަ މަދުވެފައެވެ.
ޓީއެމްއޭއަކީ ދިވެހިންނާއި ބޭރުގެ މުވައްޒަފުން ހިމެނޭހެން ގާތްގަނޑަކަށް 1,000 މީހުން ވަޒީފާ އަދާކުރާ ކުންފުންޏެކެވެ. މީގެ ތެރޭގައި 200 އަށްވުރެ ގިނަ ޕައިލެޓުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.