އައު ވިޔަފާރީގެ ހިޔާލުތައް ހުށަހަޅައިގެން 10،000ރ. ލިބޭ މުބާރާތެއް

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅުވައިގެން ބިޒްނަސް ސެންޓަރު ކޯޕަރޭޝަން (ބީސީސީ)ން ހާއްސަ "އެމްއެސްއެމްއީ ޕިޗް" މުބާރާތެއް އިއުލާންކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބީސީސީން ވިދާޅުވީ މި އަހަރުގެ އެމްއެސްއެމްއީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީސީސީ އާއި އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ހުޅުވާލާފައިވާ މި މުބާރާތަކީ ޒުވާނުންގެ މެދުގައި އީޖާދީ ވިސްނުމާއި، ވިޔަފާރީގެ ވިސްނުން ކުރިއަރުވައި، އައު ވިޔަފާރި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ދެ މީހުންގެ ޓީމެއް އެކުލަވާލަންޖެހޭއިރު، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮތީ އެންމެ ފުރަތަމަ ކުރިމަތިލާ 10 ޓީމަށެވެ.

މި މުބާރާތުން އެއްވަނައަށް ހޮވޭ ޓީމަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ބީސީސީން ވިދާޅުވީ ޒުނުންނަށް އެމީހުންގެ ވިޔަފާރި ހިޔާލުތައް ދައްކާލުމަށާއި، ޕްރެޒެންޓޭޝަން ހުށަހެޅުމުގެ ހުނަރު ތަރައްގީކޮށް، ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރުމަށް ވެސް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ބީސީސީގެ ރަސްމީ މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ޕޯސްޓުތަކުގައިވާ ކިއުއާރު ކޯޑު މެދުވެރިކޮށް ރަޖިސްޓަރު ކުރެވޭނެއެވެ.

މި ހަރަކާތަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދާއިރާ ވަރުގަދަކޮށް، ޒުވާން ވިޔަފާރިވެރިންގެ އީޖާދީ ހިޔާލުތައް ހަގީގީ ވިޔަފާރިތަކަށް ބަދަލުކުރުމަށް އެހީތެރިވުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ބީސީސީ އާއި އެ ވުޒާރާއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް ބީސީސީން ވިދާޅުވިއެވެ.