އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީން ހުޅުމާލޭގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކެއް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގައިފިއެވެ.
ސޯޝަލް މީޑިއާގައި ޚަބަރު ފެތުރިގޮތުގައި، އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ވަނީ އެޗްޑީސީން އެ ޕާޓީގެ ޕޯސްޓަރުތައް ނަގަމުންދާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ހުޅުމާލޭ އުތުރު ދާއިރާއަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ، އޭނާގެ ޕޯސްޓަރެއް ނެގުމަށްފަހު އެ ތަނުގައި މިހާރު ހުރީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ޕޯސްޓަރެއް ކަމަށެވެ.
މީގެ އިތުރުން، އެޗްޑީސީގެ މުވައްޒަފުންތަކެއް އެމްޑީޕީގެ ޕޯސްޓަރުތައް ނަގާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ. މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ، އެ ތަކެތި ނަގާފައިވަނީ ކުންފުނީގެ ހުއްދަ ހޯދުމަކާ ނުލައި ހަރުކޮށްފައި ހުރުމުން ކަމަށެވެ.
ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ބިލްބޯޑާއި ބެނާ ފަދަ ތަކެތި ހަރުކުރުމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި، އެ ކުންފުނީގެ ހުއްދަ ނެތި އެފަދަ ތަކެތި ހަރުކުރުމަކީ މަނާކަމެއްކަން އެޗްޑީސީން މީގެ ކުރިން ވެސް ވަނީ އިއުލާންކޮށްފައެވެ. މީގެ ކުރީގެ އިންތިޚާބުތަކުގައި ވެސް ގަވާއިދާ ޚިލާފަށް ހަރުކުރާ މިފަދަ ތަކެތި އެޗްޑީސީން ނަގަމުން ގޮސްފައިވެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ފޯރި ގަދަވެފައިވާއިރު، ޕީއެންސީ އާއި އެމްޑީޕީގެ މެދުގައި އޮތް ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.